ވިޔަފާރިތަކުން ކަރަންޓް ސަބްސިޑީ ކަނޑާލުމަކީ ވަރަށް ރަނގަޅު ނިންމުމެއް: ނިމާލް
ވިޔަފާރި ކުރާ ތަންތަނަށް ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމަކީ ވަރަށް ރަނގަޅު އިގުތިސާދީ ނިންމުމެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިރޭ ވިދާޅުވެއްޖެ އެވެ. ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި އޭނާ ވިދާޅުވީ އެކަމަކީ ކުރީގެ ސަރުކާރުތަކުން ކުރަން ނުކެރިފައި އޮއްވައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި ވަރަށް ހަރުދަނާ ނިންމުމެއް ކަމަށެވެ. ނިމާލް އަދި ވިދާޅުވީ ކަރަންޓް ސަބްސިޑީއަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ވިޔަފާވެރިންނަށް ދޭ އެއްޗެއް ނޫން ކަމަށެވެ. "ފެއިލްވެފައި އޮތް ސިސްޓަމެއް މިއީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ ހަމައެކަނި ފުދުންތެރިކަން ނެތް އާއިލާތަކަށޭ [ސަބްސިޑީ] ޓާގެޓް ކުރަން ޖެހެނީ. ކުރީގެ ސަރުކާރުތަކަށް ވެސް ނަގަން ނުކެރިފައި އޮތް ޑިސިޝަނެއް. އަނެއްހެން ސިޔާސީ ގޮތުންނެއް މާ ބޮޑު ފައިދާއެއް [ސަރުކާރަށް] ކުރާނެ ނިންމުމެއް ނޫން މިއީކީ." އިގްތިސާދީ ދުޅަހެޔޮ ކަމަށް ރާއްޖެ މިސްރާބު ޖަހާފައި އޮތް ވަގުތެއްގައި، ވިޔަފާރިތަކަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމުން އޭގެ ފައިދާތައް ފެންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިސާލަކަށް ވިޔަފާވެރިންނަށް މިއޮތް ހުރިހާ ދުވަހު ސަބްސިޑީ ދީގެން އުޅުނު އިރު އާންމު ރައްޔިތު މީހާ އަށް ހެޔޮ އަގުގައި ބާއޭ އެއްޗެހި ގަންނަން ލިބެނީ،" ނިމާލް ވިދާޅުވި އެވެ. "އެކި ފަހަރު މަތިން އަގުތައް އެބަ ބަދަލުވޭ. އެހެން ނަމަވެސް އެ ބޭފުޅުން ވިއްކާ އެއްޗެހީގެ އަގަކަށް ބަދަލެއް ނާދޭ. އެއް ދުވަހުން އަނެއް ދުވަހަށް އަގުތައް މައްޗަށް މި ދަނީ. އެހެންވީމާ ސުވާލަކީ މި ބަދަލާ ގުޅިގެން އެއްޗެހީގެ އަގަށް ބަދަލެއް އަންނާނެ ހެއްޔޭ." ފެނަކައިން ބުނި ގޮތުގައި އެ ކުންފުނިން ހިދުމަތްދޭ 150 އަށް ވުރެ ގިނަ ރަށްތައް ހުރި އިރު ކަރަންޓް ހިދުމަތް ދޭ 46،590 މީޓަރު ރަށްރަށުގައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ވިޔަފާރި ކުރާ ތަންތަނުގައި ބޭނުން ކުރަނީ 5،765 މީޓަރެވެ. އެ ތަންތަނަށް މިދިޔަ މަހުގެ ނިޔަލަށް ދިޔައީ ކަރަންޓް ސަބްސިޑީ ދެމުންނެވެ. ކަރަންޓް ބިލަށް ސަބްސިޑީ ދެނީ ބިލްގައި ހިމެނޭ ފިއުލް ސާޗާޖަށް ޖެހޭ ވަރެވެ. އެހެންވެ ސަބްސިޑީ ކަނޑާލުމުން ވިޔަފާރި ކުރާ ތަންތަނުން ދެން ފިއުލް ސާޗާޖް ދައްކަން ޖެހޭނީ އެ ތަނަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ