ތާލިބާނުންގެ އިންޒާރުތަކަށް ބެލުމެއް ނެތި އަފްޣާނިސްތާނުގެ ރައްޔިތުން ރައީސަކު ހޮވަނީ
ކާބުލް (5 އެފްރީލް) - އަފްޣާނިސްތާނުގެ ރިއާސީ އިންތިހާބާ ދިމާކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ތާލިބާން ހަނގުރާމަވެރިން ދީފައި އޮތް ނަމަވެސް އިންޒާރުތަކަށް ބެލުމެއް ނެތި، ރައީސަކު އިންތިހާބުކުރުމަށް އަފްޣާނިސްތާނުގެ ގިނަ ބަޔަކު މިއަދު ވޯޓްލާން ނުކުމެއްޖެ އެވެ. މިއީ އެމެރިކާ އިން 2001 ވަނަ އަހަރު ތާލިބާނުންގެ ވެރިކަން ވައްޓާލި ފަހުން އަފްޣާނިސްތާނުގައި ނަގާ މިފަދަ ތިންވަނަ ވޯޓެވެ. ތާލިބާނުންގެ ވެރިކަމަށް ފަހު، ވަގުތީ ލީޑަރެއްގެ ހައިސިއްޔަތުން ފެށިގެން ފާއިތުވި 13 އަހަރު ވެރިކަން ކުރެއްވި ހާމިދު ކަރުޒާއީގެ މުއްދަތު ހަމަވެފައި ވާއިރު މިފަހަރުގެ ވޯޓް ވެގެންދާނީ އިންތިހާބުކުރި ސަރުކާރެއް އަފްޣާނިސްތާނުގައި ވޯޓް މެދުވެރިކޮށް ބަދަލުވެގެންދާ ފުރަތަމަ އިންތިހާބަށެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލާން ގޮސް ތިބި ބަޔަކު އެ މީހުންގެ އައިޑީ ކާޑު ދައްކާލަނީ. --ފޮޓޯ: އޭއެފްޕީ ވޯޓާ އެކު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވެސް ވަރުގަދަކޮށްފަ އެވެ. އެގޮތުން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ގޮތުގައި ހަރަކާތްތެރިވާ 400،000 ސިފައިންނާއި ފުލުހުންގެ ލަޝްކަރު ވަނީ ގައުމުގެ ހުރިހާ ސަރަހައްދަކަށް ބަހާލައިފަ އެވެ. އަފްޣާނިސްތާނުގެ އާބާދީ 28 މިލިއަނަށް އަރާއިރު ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 13.5 މިލިއަނަށް އަރަ އެވެ. ވޯޓްލުން ކުރިއަށްދާއިރު ކުރީގައި އުޅުއްވަނީ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއީ ރަސޫލް އާއި 2009 ވަނަ އަހަރުގެ ރޭހުގައި ނާކާމިޔާބުވެ ވަޑައިގެންނެވި އަބްދުﷲ އަބްދުﷲ އެވެ. ވަގުތީ ނަތީޖާ އިއުލާނުކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ދެ ވަނަ ބުރަކަށް ދާ ނަމަ އަންނަ މަހުގެ ފަހުކޮޅު ދެ ވަނަ ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަފްޣާނިސްތާނުގައި އާ ރައީސަކު ހޮވުމުގެ ވޯޓުލުން ކުރިއަށް ދާއިރު އެމެރިކާ އާއ ނޭޓޯގެ ސިފައިން ތައްޔާރުވަމުން ދަނީ އެގައުމުން ފޭބުމަށެވެ. އެގައުމުގައި ތިބި އެމެރިކާ އާއި ނޭޓޯގެ 51،000 ސިފައިންގެ ފައުޖު މި އަހަރުގެ ނިޔަލަށް އެގައުމުން ފައިބާނެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ