ހޮސްޕިޓަލަކުން ކަރަންޓް ކަނޑާލުމަކީ އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާއެއް: މެމްބަރު ނިޒާރު

ސިމްޑީން ސ. ހިތަދޫގައި ހިންގާ އައިއެމްޑީސީ ހޮސްޕިޓަލްގައި ބަލި މީހުން ތިއްބައި އިއްޔެ ކަރަންޓް ކަނޑާލުމަކީ ސަރުކާރުން ހިންގި އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާއެއް ކަމަށް، އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިޒާރު ވިދާޅުވީ ހަނގުރާމަތަކުގައި ވެސް ހޮސްޕިޓަލްތަކާއި ސްކޫލް މަދަރުސާތަކަށް ހަމަލާ ނުދޭ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޮސްޕިޓަލެއްގެ ކަރަންޓް ކަނޑާލުމަކީ ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައި ގޮސްފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދޅާުވި އެވެ. "މިއީ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް. ...މިއީ ސަރުކާރުން ކުރާ ޖެއްސުން،" އޭނާ ވިދާޅުވި އެވެ. އައިއެމްޑީސީ ހޮސްޕިޓަލުން އެ ތަނުގައި އުތްބައްތި ދިއްލާފައި. ފޮޓޯ: އައްޑޫލައިވް ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ހިއްސާ އޮންނަ އެ ހޮސްޕިޓަލުން ކަރަންޓް ކަނޑާލީ، މިދިޔަ މާޗް މަހާއި އޭޕްރީލް މަހުގެ ކަރަންޓް ބިލް ނުދައްކައި އޮތުމުންނެވެ. އެ ދެ މަހުގެ ކަރަންޓް ބިލަށް އެރީ 120،000ރ. އެވެ. ކަރަންޓް ކަނޑާލިއިރު ހޮސްޕިޓްލްގައި 12 މީހުން އެޑްމިޓްކޮށްފައި އޮތެވެ. މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެޑްމިޓްކޮށްފައި ތިބި ބަލި މީހުންގެ ތެރެއިން ދެ މީހަކު އޮތީ އައިސީޔޫގައި ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން އެތައް ބަޔަކު ވެސް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. "މިއީ ސިޔާސީ ކަމެއް ކަމަށް ބެލެވޭ،" ކަރަންޓް ކަނޑާލީ މި މަހުގެ 1 ގައި އިދިކޮޅު މީހުން ބޭއްވި މުޒާހަރާގައި ބައިވެރިވެގެން ކަމަށް އިޝާރަތްކޮށް ރޮޒައިނާ ވިދާޅުވި އެވެ. އައިއެމްޑީސީން ކަރަންޓް ކަނޑާލައިފައި މި ވަނީ މާޗް މަހުން ފެށިގެން ބިލަށް ގެނައި ބަދަލާ ގުޅިގެން، އެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ފެނަކަ ކޯޕަރޭޝަނަށް ސިޓީ ވެސް ފޮނުވައިފައި ވަނިކޮށެވެ. އެކަމަކު އެ ސިޓީއަކަށް އަދި ޖަވާބެއް ނުލިބެ އެވެ. އައްޑޫގެ ވަރަށް ގިނަ ވިޔަފާވެރިން ވަނީ ކަރަންޓްގެ އަގު ބޮޑު ކުރި މައްސަލަ ފެނަކައިގެ އިތުރުން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އައްޑޫގައި ކަރަންޓްގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އައިއެމްޑީސީ ހޮސްޕިޓަލަށް ކަރަންޓް ދޭން އަމުރެއް ނެރެވެން ނެތް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. ކަރަންޓް ބިލް ބޮޑުވި މައްސަލާގައި ހައްލެއް ހޯދަން އެދި ހުށަހަޅާފައި ވަނިކޮށް، ސިއްހީ ހިދުމަތް ދޭ ތަނަކުން ކަރަންޓް ކަނޑާލުމަކީ އިންސާނިއްޔަތަށް ދެވޭ އަނިޔާއެއް ކަމަށް، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. ޝަކީލާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ