އިންޑިއާ ރައްޔިތުން ގެންދަނީ ރާއްޖޭގެ ހުރިހާ ރަށެއްގަ ޚިދުމަތް ކުރަމުން: އަކިލޭޝް މިޝްރާ

ރާއްޖޭގެ ކޮންމެ ރަށަކަށް އެރި ނަމަވެސް ފެންނާނީ ދިވެހިރައްޔިތުންނަށް އިންޑިއާ ރައްޔިތުން ކުރަމުން ގެންދާ ޚިދުމަތްތައް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިންޑިއާ ރައްޔިތުން ގެންދަނީ ޚިދުމަތް ކުރަމުން ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އިންޑިއާ ހައިކޮމިޝަނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ތަޤްރީރްކުރައްވަމުންނެވެ.
އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖޭގެ ހުރިހައި ސްކޫލްތަކުގައާއި އަދި ހޮސްޕިޓަލުތަކުގައިވެސް އިންޑިއާ ރައްޔިތުން ގެންދަނީ ޚިދމަތް ކުރަމުން ކަމަށެވެ. އެހެންކަމުން އިންޑިއާ ރައްޔިތުންގެ ޚިދުމަތް ނުލިބޭ ރަށެއް ރާއްޖޭގައި ނެތް ކަމަށެވެ.
"ސްކޫލްތަކުގައި ޓީޗަރުންގެ ގޮތުގައި ތިބެ އަދާކުރަނީ ދިވެހި ޤައުމު އިތުރަށް ކުރިއަރުވައި ބިނާކުރާނެ ޖީލެއް އުފެއްދުމުގެ ބުރަ މަސައްކަތް. ހޮސްޕޓަލުތަކުގައި ނަރުހުންނާ ޑޮކްޓަރުން ކުރާ މަސައްކަތަކީ ދިވެހިރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް."
އަކިލޭޝް މިޝްރާ ވަނީ އިންޑިއާގެ އިންވެސްޓަރުން ރާއްޖޭގެ އިޤްޠުިޞާދީ ތަރައްޤީއަށް ކުރަމުން ގެންދާ ޚިދުމަތްތައް ފާހަގަކުރައްވައިފައެވެ. އަދި އިންޑިއާގެ ނޭވީ އާއި އާމީ އޮފިސަރުން ރާއްޖޭގައި ތިބެ ރާއްޖޭގެ ޞިއްޙީ ދާއިރާއަށާއި އެނޫންވެސް ދާއިރާތކުން ކޮށްދެމުން ގެންދާ ޚިދުމަތްތައް ވެސް ފާހަގަކުރައްވައިފައެވެ. ޚައްޞަކޮށް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްއެންޑީއެފް އާއި ގުޅިގެން ކޮށްދެމުން ގެންދާ ޚިދުމަތްތއް ވެސް ފާހަގަކުރައްވައިފައެވެ.
އަކިލޭޝް މިޝްރާ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ކޮންމެ ރަށަކަށް އެމަނިކުފާނު ނުވަތަ އިންޑިއާގެ އޮފިޝަލުން ވަޑައިގެންނެވި ނަމަވެސް ދަންނަވަމުން ގެންދާ މަރުހަބާއިން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ.
"އަހަރެން ރާއްޖޭގައި އުޅޭތާ އަދިމިވީ އެންމެ އެއް އަހަރު. މިއަހަރުތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އަހަރެމެން ދެމަފިރިން ޒިޔާރަތްކޮށްފިން. ކޮންމެ ރަށަކުން ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެއް. އުފާވެރިކަމާ ހިނިތުންވުމާއެކީ އަޚުންތަކެއް ފަދައިން ދިވެހިން އަހަރެމެންނާ ބައްދަލުކުރަނީ."
އަކިލޭޝް މިޝްރާ ވަނީ އަމިއްލަ ޤައުމަށް ޚިދުމަތް ކުރާ ރޫޙޫގައި ރާއްޖެއަށް ޚިދުމަތް ކޮށްދިނުމަށް ރާއްޖޭގައި ޚިދުމަތްކުރާ އިންޑިއާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ