އަމީން ދީދީއަށް އިންސާފު ހޯދާ މައްސަލަ އިންތިގާލީ އޮފީހުން ބަލައިގެންފި

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް އިންސާފު ހޯދައިދިނުމަށް އެދި އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން އެ އޮފީހުން ނިންމައިފި އެވެ.އެމައްސަލަ ހުށަހަޅައިފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.މި މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ގޮތެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ބުނެއެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާކަމަށް ބުނެއެވެ.އެގޮތުން ބޮންޑޭ ވަނީ ރައީސް އަމީނާ މެދު ދައުލަތުން އަމަލުކޮށްފައިވާ ގޮތް އިތުރަށް ސާފުކޮށްދޭންޖެހޭކަމަށް ވިދާޅުވެފައެވެ.ހަމައެއާއެކު ރައީސް އަމީނަކީ ހާއިނެއްކަމަށް ބުނެ ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ވެސް އެ މައްސަލަ ހުށަހަޅަމުން އޭނާ ވަނީ އެދިވަޑައިގެންފައެވެ.އިންތިގާލީ އޮފީހުން ވަނީ އެއީ ބެލޭނެ މައްސަލައެއް ކަމަށް އެ އޮފީހުން ނިންމިކަން މެމްބަރު އިބްރާހިމް ރަޝީދަށް ލިޔުމުން އަންގައިފަ އެވެ. އެ އޮފީހުން މެމްބަރަށް ފޮނުވި ސިޓީގައި ބުނީ އެއީ އާންމު މަސްލަހަތާ ގުޅުންހުރި މައްސަލައަކަށް ވުމުގެ އިތުރުން ގިނަ ދުވަސްވީ މައްސަލައަކަށް ވުމުން، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި ކަމާގުޅުންހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށްފަހު ތަހުގީގު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ރައީސް އަމީން ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ 1953ވަަނަ އަހަރު އަށް މަސް ދުވަހުގެ މުއްދަތަކަށެވެ. އެއާއެކު ވެރިކަމުން ދުރުކުރެވުމަށްފަހު އެމަނިކުފާނު އަވަހާރަަވީ ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓެވެ.އިންތިގާލީ އިންސާފުގެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ދެނެގަތުމެވެ. އަދި އެފަދަ ކަންތައްތައް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ވާސިލްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ