ރިޔާސީ އިންތިހާބު 2008: އެމްޑީޕީ އިއްތިހާދުން ބާއްވާނެ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް: އަންނި

އެމްޑީޕީ އިއްތިހާދުގެ ވެރިކަމެއްގެ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށް ވިދާޅުވިޔަސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
އައްޑު އަތޮޅުގައި ކެމްޕޭން ކުރެއްވުމަށް ފަހު މާލެ ފުރާވަޑައިގަތުމުގެ ކުރިން ގަމުގެ އީކްއޭޓާ ވިލެޖުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންނި ވިދާޅުވީ "ދައުރުގެ މެދެތެރެއިން ބާއްވާ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް" ކަމަށާއި "އެކަމާ ބެހޭ ގޮތުން އިތުރު ތަފުސީލެއް ދެވޭކަށް ނެތް" ކަމަށެވެ.
އަދި އެ އިންތިހާބަށް އަންނި ކުރިމަތިލައްވާނަންތޯ ދެންނެވުމުން އަންނި ވިދާޅުވީ އެކަމާ ބެހޭ ގޮތުން ވެސް ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެންނަމަވެސް އޭނާ ކުރިމަތިލައްވާ ނަމަ އޭރަކު ހުންނަވާ މަގާމަކުން އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިވަގުތު އެއިން ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާއަވަސް. އަޅުގަނޑުމެންގެ އިއްތިހާދުގައި ހިމެނޭ ފަރާތްތަކާ މަޝްވަރާކޮށްފައި ނޫނީ އިތުރަށް މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނާކަށް ނޭނގޭނެ،" އަންނި ވިދާޅުވި އެވެ.
އަންނި އަދި ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އާ ގުޅުނު ފަރާތްތަކުން، އެގުޅުމުގެ ވެރިކަމެއްގެ މެދުތެރެއިން އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށް ޝަރުތު ވެސް ކޮށްފައި ނުވާ ކަމަށެވެ.
"ޑރ. ހަސަން ސައީދު ވެސް އަޅުގަނޑުމެންނަށް ތާއީދު ކުރަން ނިންމީ އެއްވެސް ޝަރުތަކާ ނުލައި. އެހެންވީމާ މީގައި އެއްވެސް ފަރާތަކުން ނެތް އިންތިހާބެއް ބާއްވައި ދޭން ޖެހޭނެ ކަމަށް ޝަރުތުކޮށްފައެއް،" އަންނި ވިދާޅުވި އެވެ.
ކެމްޕޭން ކުރެއްވުމަށް މިދިޔަ ބުދަ ދުވަހު އައްޑު އަށް ވަޑައިގެން ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި އަންނި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވިއްޖެ ނަމަ، އެމްޑީޕީ ގުޅުމުގެ ވެރިކަމެއްގެ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށެވެ.
"ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ރައްޔިތުންނަށް މަޖުބޫރެއް ނެތި އަދި ރައްޔިތުންގެ ހާލަތު ނިޔާ ކުރާ ގޮތުގެ މަތިން ފައިސާ އާއި ނުފޫޒުން އެއްކިބާވެ އެ މީހުންނަށް ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ވޯޓްލެވެން ޖެހޭނެކަން. އެ ވޯޓުގެ ނަތީޖާ އަޅުގަނޑުމެން ހޯދަން އެބަޖެހޭ،" އަންނި ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެންގެ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ފޯރުކޮށް ދޭނަން."
އަންނި އަދި ވިދާޅުވީ ރާއްޖޭގެ ވެރިކަން ރައްޔިތުން އެދޭ ގޮތަށް ފުރޮޅާލެވޭނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިގެން ކަމަށެވެ.
"ގުޅިގެން މަސައްކަތް ކުރާއިރު އަޅުގަނޑު ކުރާނެ އަނެއް ކަމަކީ ފަހަށް ޖެހުން. އަޅުގަނޑު އަބަދުވެސް އެދިއެދި ހުރި ކަމެއް އެއީ. މި އިންތިހާބު އަޅުގަނޑު އިރާދަކުރެއްވިއްޔާ އެބޭފުޅުންނަށް ކާމިޔާބުކޮށް ދޭނަން،" އަންނި ވިދާޅުވި އެވެ. "އެއީ ތިޔަ ބޭފުޅުންނަށްޓަކައި އަޅުގަނޑުކޮށްދޭނެ ކަމެއް."
އަންނި އަދި ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ވެރިކަމަކަށް ސިޔާސީ ޝަހުސިއްޔަތުންގެ ވެރިކަމުގެ އުންމީދަށް ޖާގެ ނެތް ތަނެއްގައި ނޯންނާނެ ކަމަށެވެ.
"ޑިމޮކްރަސީއަކަށް ރައްޔިތުންގެ ވެރިކަމަކަށް ޖާގައެއް ނޯންނާނެ ސިޔާސީ ޝަހުސިއްޔަތުންނަށް ސިޔާސީ ލީޑަރުންގެ ވެރިކަމުގެ އުންމީދު ނޯންނަހާ ހިނދެއްގައި،" އަންނި ވިދާޅުވި އެވެ. "އަޅުގަނޑުމެންނާ އެކު ތިބި ސިޔާސީ ލީޑަރުންނަށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ އެބޭފުޅުންގެ ސިޔާސީ އުންމީދާއި ވެރިކަމުގެ އުންމީދާ އެބޭފުޅުންނާ ދެމެދަށް އަޅުގަނޑު ކުޑަ ހިނދުކޮޅަކަށް ވެސް ވަންނާކަށް ނެތީމޭ. އަޅުގަނޑު މިމަސައްކަތަށް ނިކުތީ ވެރިކަމުގެ ދަހިވެތިކަމުގައެއް ނޫނޭ ތަކުރާރުކޮށް މިދަންނަވަނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ