ރައީސް މައުމޫން ސްރީލަންކާ އަށް ވަޑައިގެންފި

ކޮލަމްބޯ އިން: އަހުމަދު ހަމްދޫން
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އިންޑިޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު ފަހު ސްރީލަންކާ އަށް ވަޑައިގެންފި އެވެ.
ސްރީލަންކާ އަށް ރައީސް މައުމޫން ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި މި ގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެކި ކަންތައްތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ރާއްޖޭގެ އޮފިޝަލުން ވިދާޅުވެ އެވެ. އަދި ވިސާ އެގްރީމަންޓަކާއި ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ވެސް ރާއްޖެ އާއި ލަންކާ އިން ސޮއިކުރާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ލަންކާ އަށް ވަޑައިގަތުމުން އެއާޕޯޓުން ރައީސް މައުމޫނަށް މަރުހަބާ ދެންނެވީ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދެކަނބަލުންނެވެ.
ލަންކާ އާއި ރާއްޖެ އާ ދެމެދު ބާއްވަން ހަމަޖެހިފައިވާ ރަސްމީ ވާހަކަތައް މިއަދުގެ ވަގުތެއްގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލަންކާ އާއި ރާއްޖެ އާ ދެމެދު ގުޅުން ބަދަހި ކުރެއްވުމަށް ޓަކައި ރައީސް މައުމޫން ކުރައްވާ މަސައްކަތްޕުޅަށް ލަންކާ ސަރުކާރުން ދޭ އެވޯޑެއް ވެސް ރައީސަށް ދެއްވާ ގޮތަށް ހަމަޖެހިފައި ވެ އެވެ. އެކި ގައުމުތަކާ އެކު ގުޅުން ބަދަހިކުރެއްވުމަށް ލަންކާ އިން ދޭ މި އެވޯޑު ފުރަތަމަ ލިބިވަޑައިގަންނަވަނީ ރައީސް މައުމޫނަށެވެ.
ރާއްޖެއާ އެންމެ އަވައްޓެރި ދެ ގައުމު ކަމަށްވާ އިންޑިޔާ އާއި ސްރީލަންކާގެ ތެރެއިން އިންޑިޔާ އަށް ރައީސް މައުމޫން މި ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި އިއްޔެ ވަނީ ރާއްޖެއާ އިންޑިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން އިންޑިޔާގެ އެހީތެރިކަން ހޯދުމުގެ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފަ އެވެ. ރައީސް މައުމޫން އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން އެ މަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ