ވަޔާއި އަވި ބޭނުންކޮށްގެން ބައެއް ރަށްރަށަށް ސްޓެލްކޯ އިން މި އަހަރުގެ ތެރޭގައި ކަރަންޓް ދޭގޮތަށް ހަމަޖައްސައިފި

ސްޓެލްކޯ އިން ރަށްރަށަށް ދެމުން އަންނަ ކަރަންޓް ހައިބްރިޑް ސިސްޓަމަށް ބަދަލުކޮށް މި އަހަރު ނިމުމުގެ ކުރިން ބައެއް ރަށްރަށަށް ކަރަންޓް ދޭން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސްޓެލްކޯ އިން ހަވީރަށް ދިން އިންޓަވިއުއެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ނިޔާޒް މިއަދު ވިދާޅުވި ގޮތުގައި ހައިބްރިޑް ސިސްޓަމް (ޑީސަލް ޖަނަރޭޓަރުގެ އިތުރުން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވަޔާއި އަވިން ކަރަންޓް ދޭ ސިސްޓަމް) ބޭނުންކޮށްގެން ކަރަންޓް ދިނުމަށް ބައެއް ރަށްރަށުގައި މިހާރު ވަނީ ޕްރިލިމިނަރީ ދިރާސާތައްކޮށްފަ އެވެ.
"ވަޔާއި އަވިން ކަރަންޓް ދިނުމުގެ ޕްރޮޖެކްޓަކީ ސްޓެލްކޯ އިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮޖެކްޓް. މި މަސައްކަތް ފެށުމަށް މިހާރު ވަނީ ބައެއް ރަށްރަށުގެ ސްޓަޑީ ވެސް ހަދައިފައި،" އޭނާ ވިދާޅުވި އެވެ. "ޖުމްލަ ގޮތެއްގައި އަތޮޅުތަކުގެ ހުރިހާ އިންޖީނުގެތައް ވެސް ސްޓަޑީ ކުރެވޭނެ."
އޭގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ 25 ރަށުގެ ތެރެއިން އިއާދަކުރަނިވި ހަކަތަ އިން ކަރަންޓް ދިނުމަށް ހަތަރު ރަށެއްގައި މިހާރު ވަނީ ޕްރިލިމިނަރީ ސާވޭކޮށް ނިންމައިފަ އެވެ. އޭގެ އިތުރުން ވެސް ބައެއް ރަށްރަށުގައި އެ ސާވޭ މިހާރު ވެސް ކުރިއަށް އެބަ ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ (ސްޓެލްކޯ) އުއްމީދަކީ އިންޖީނު ގެއެއް ނުވަތަ އިންޖީނު ގެތަކެއްގައި މި އަހަރު ނިމުމުގެ ކުރިން މި ސިސްޓަމް ގާއިމްކުރުން. މި އަހަރު ޑިސެމްބަރު މަސް ނިމުނުގެ ކުރިން ރަށެއްގައި ނުވަތަ ރަށްތަކެއްގައި އެ ސިސްޓަމް އިންސްޓޯލްކޮށް، އެ ސިސްޓަމުން ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ."
ސްޓެލްކޯ އިން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އިއާދަކުރަނިވި ހަކަތަ އިން ކަރަންޓް އުފެއްދުމުގެ މަސައްކަތް ފަށައި މިހާރު އެންމެ ހަލުއިކޮށް، ކުރަމުންދާ މަސައްކަތަކީ އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
"އިނިޝިއަލް އިންވެސްޓްމަންޓް ބޮޑުވި ނަމަވެސް އޭގެ (އިއާދަކުރަނިވި ހަކަތައިގެ) ފައިދާ އަޅުގަނޑުމެންނަށް ފެންނަން ފަށާނީ ދުރު މުސްތަގުބަލެއްގައި،" އޭނާ ވިދާޅުވި އެވެ.
އިއާދަކުރަނިވި ހަކަތަ އިން ކަރަންޓް ދޭން ނިންމި މައިގަނޑު ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމެވެ. އޭގެ އިތުރުން ވެސް ހައިބްރިޑް ސިސްޓަމްގެ ބޭނުމަކީ ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓަށް ފައިދާކުރާނެ ގޮތަކަށް ހިދުމަތް ދިނުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"ތެލުގެ އަގު މައްޗަށް ދިއުމާ އެކު އަދި ކުރިއަށް އޮތްތަނުގައި ވެސް ތެލުގެ އަގު މައްޗަށް ދާނެ ކަމަށް ފެންނާތީވެ، މި މަޝްރޫއު އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް، ކުރިއަށް ގެންދަން ބޭނުން ވަނީ. އިއާދަކުރަނިވި ހަކަތަ އާއި އެނާޖީ ސޭވިން އަކީ ކުރިއަށް އޮތް ތަނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ސްޓެލްކޯއިން ކުރިއަށް ގެންދާނެ ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ، ސްޓެލްކޯ އިން ކަރަންޓް ދޭ ރަށްތައް ފިޔަވައި އެހެން ރަށްތަކަށް ވެސް އިއާދަކުރަނިވި ހަކަތަ ތައާރަފްކޮށް، އެ ސިސްޓަމުން ކަރަންޓް ދޭން ވިސްނަމުންދާ ކަމަށެވެ.
"އެހެން ނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް މިދެނީ އަޅުގަނޑުމެންގެ ޕަވާ ސްޓޭޝަންތައް ހުރި ރަށްރަށަށް. އަޅުގަނޑުމެން ފުރަތަމަ އިސްކަމެއް ދީގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުން ވަނީ ވެސް އެ ރަށްތަކުގައި،" އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި އެ ޕްރޮޖްކްޓް ކުރިއަށް ގެންދާނީ ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި ބޭރުގެ ކަމާ ބެހޭ މާހިރުންގެ ވެސް އެއްބާރުލުމާ އެކުގަ އެވެ.
އޭގެ އިތުރުން ވެސް ސްޓެލްކޯ އިން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުން އެކަމަށް ހޭލުންތެރިކުރުވައި ހަކަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ ތަމްރީނު ޕޮރިގްރާމްތަކެއް ހިންގަން ހަމަޖައްސައިފައިވާ ކަމަށެވެ. އޭގެ އިތުރުން ސްކޫލްތަކަށް އަމާޒުކޮށްގެން ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން އިތުރަށް ބުނި ގޮތުގައި އެ ކުންފުނިން ރަށްރަށަށް މިހާރު ވެސް ކަރަންޓް ދެމުން އަންނަނީ ވަރަށް ބޮޑު ގެއްލުމާ އެކުގަ އެވެ. އަދި މިހާރު ކަރަންޓް ދޭ ރަށްރަށުން ވެސް އެންމެ ބޮޑަށް ދިމާވެފައިވާ ގޮންޖެހުމަކީ ތެލުގެ އަގު އުފުލިގެން ދިއުމާ އެކު ކުންފުންޏަށް ލިބޭ ގެއްލުން ފޫބެއްދުން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
"ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި އަޅުގަނޑުމެން އޮޕަރޭޓް ކުރަމުން މި އަންނަނީ،" ނިޔާޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ