މުލިއާގޭގެ ބައެއްގައި މިހާރު ހިންގަމުންދާ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އަށް ބަދަލުކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވީ، ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ސުޕްރީމް ކޯޓު ބަދަލުކުރާ ގޮތަށް ހަމަޖެއްސެވީ ސަރުކާރުން އެ ގޮތަށް އެންގެވުމުން ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެން މި ތިބެނީ ސަރުކާރުން ދެއްވި ތަނެއްގައި. މި ތަނަކީ (މުލިއާގެ) ވެސް ދާއިމީ ތަނެއް ނޫން. އަދި މި ތަނުގެ ވެސް ކުޑަ ތަންކޮޅެއްގައި މި ތިބެނީ،" ސައީދު ވިދާޅުވި އެވެ. "މި ތަނަށް ސުޕްރީމް ކޯޓު ބަދަލުކުރާ ގޮތަށް ކުރިން ސަރުކާރުން ނިންމެވީ އާދައިގެ އޮފީހެއް ހިންގާ ގޮތަށް ވުރެ ލޭންޑްމާކް ތަނަކަށް ހެއްދެވުމަށް."
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ދާއިމީ އިމާރާތެއް އެޅުމަށް ބިމެއް ހޯދުމަށް ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އަދި އެ ފަދަ އިމާރާތެއް އެޅުމަށް ބިމެއް ލިބިފައިނުވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވަރަށް ބޮޑު ލޭންޑްމާކެއް. އަދި އެ ތަނުގެ ޑިޒައިން އާއި އާކިކެޓްޓަކީ ވަރަށް ތަފާތު ތަނެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ތީމުގެ އަށް ސުޕްރީމް ކޯޓު ބަދަލުކުރުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ.
"މުލީއާ ގޭގައި މިހާރު ސުޕްރީމް ކޯޓު ހުރުމުން ބައެއް ފަރާތްތަކުން ދެކޭ ދެ ބާރު އެއްވެފައިވާ ކަމަށް. އަޅުގަނޑުމެން އެ ތަނަށް ބަދަލުވި ފަހުން ރައީސް އެ ތަނަށް ބަދަލުވެވަޑައިގެންނެވީ. ރައީސުލްޖުމްހޫރިއްޔާގެ ރެސިޑެންސާއި ސުޕްރީމް ކޯޓު އެއް އިމާރާތެއްގައި ހުރުމަކީ ރަނގަޅުކަމެއް ވެސް ނޫން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ކުރިން ވިދާޅުވެފައިވަނީ ބައެއް އޮފީސްތައް ތީމުގެ އަށް ބަދަލުކުރައްވަން ނިންމެވީ އެ ތަނުގެ ބޭނުން ދައުލަތުގެ ކޮންމެ ވެސް ކަމަކަށް ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ބެލުމުގެ ދަށުގައި ހުންނަ ތީމުގެ އަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގައުމީ މަރުކަޒާއި ކޮލެޖުގެ ޗާންސެލާގެ އޮފީހާއި ކޮލެޖްގެ ސެނެޓާއި މެރިން ރިސާޗް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީ އަދި ނޭޝަނަލް ލައިބްރަރީ ފަދަ ތަންތަން ކަމަށެވެ. ނަމަވެސް ޕްރެސް ސެކްރެޓަރީ މިއަދު ވިދާޅުވީ، ތީމުގެ އަށް މި ވަގުތު ބަދަލުކުރަން ނިންމަވާފައިވަނީ ސުޕްރީމް ކޯޓުގެ އިތުރުން އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ބައެއް ތަންތަން ކަމަށެވެ.
"ދެން ހުރި ތަންތަން ބަދަލުކުރެވޭނެ ދުވަހެއް އަދި ނޭނގެ،" އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓު ތީމުގެ އަށް ބަދަލުކުރާ ގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ