ނަޝީދު އާއި ދެކޮޅަށް އަބްދުﷲ ގާޒީގެ ހެކިބަސް ނުނަންގަވާގޮތައް ނިންމަވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ ޝަރީއަތުގެ އަޑުއެހުމުގައި އަބްދުﷲ ގާޒީގެ އަނބިކަބަލުންގެ ހެކިބަސް ނެންގެވުމަށްފަހު އަބްދުﷲ ގާޒީގެ ހެކިބަސް ނުނަންގަވާ ގޮތައް ނިންމަވައިފިއެވެ.
މިގޮތައް ނިންމެވީ ޕީޖީގެ ވަކީލުން އެގޮތައް އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ.
މިރޭގެ އަޑުއެހުމުގައި ވަނީ އަބްދުﷲ ގާޒީގެ އަނބިކަބަލުންގެ އިތުރުން އަނބިކަބަލުންގެ ދައްތައެއްގެ ހެކިބަސް ވެސް ނަންގަވާފައެވެ. އަދި އޭރުގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްގެ ހެކިބަސްވެސް ވަނީ ނަގާފައެވެ.
ނަމަވެސް ޝަރީޢަތުގެ މަޖީލަށް ހާޒިރުކޮށްފައި ވަނީ މަންނާނު އެކަންޏެވެ. ސޯބިރާ އަދި އާމިނަތު ޝަރީފްގެ ހެކިބަސް ނަގާފައި ވަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިގޮތަށް ހެކިބަސް ނަންގަވަން ނިންމެވީ ހެކީން އެގޮތަށް އެދުމުން ކަމަށާއި، މިއީ މީގެ ކުރިންވެސް ކޯޓުން އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށެވެ.
ނަމަވެސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ މިކަމާ ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެގޮތަށް ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ދިފާއީ ވަކީލުން ވަނީ އިއުތިރާޒު ކުރައްވާފައެވެ. ނަމަވެސް ފަނޑިޔާރުން ވަނީ އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ނުދެއްކުމަށް ވިދާޅުވެ، ޝަރީޢަތް ކުރިއަށް ގެންދަވާފައެވެ.
މިއީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގަދަކަމުން ކަމުގައި ސާބިތުކޮށްދިނުމަށް ދައުލަތުން ހުށަހެޅުއްވި ހެކިންނެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ އަބްދުﷲ ގާޒީގެ އަނބިކަބަލުންނާއި ދައްތަގެ ހެކިބަހުން ދައުވާ ސާބިތު ކުރަން ބޭނުންވާ ހެކި ލިބިފައިވާ ކަމަށާއި އެހެން ކަމުން އެމައްސަލައިގައި ހުށަހަޅާފައިވާ އަނެއް ދެބޭފުޅުންގެ ހެކިބަސް ނަންގަވަން ބޭނުން ނުވާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުން މީގެ ކުރިން ހެކީންގެ ގޮތުގައި ހުށަހަޅުއްވާފައިވާ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހާއި، އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް އަތީފްގެ އިތުރުން ވައިސް ވަހީދުގެ ހެކިބަސް ނުނެގިޔަސް އިއުތިރާޒެއް ނެތް ކަމުގައި ދައުލަތުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދައުލަތުން ހެކީން ހާޒިރު ކުރަން ބޭނުން ނުވި ނަމަވެސް، އެ ހެއްކަކީ ހާޒިރުކުރަން ޖެހޭ ހެއްކެއް ކަމަށް ޝަރީޢަތަށް ފެނިވަޑައިގެންފި ނަމަ، އެ ހެކީންވެސް ހާޒިރު ކުރައްވާނެ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ