ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގްމޭޓަކަށް ޑރ. ހަސަން ހަމަޖައްސަވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ ރަނިންގް މޭޓަކަށް ގައުމީ ޕާޓީގެ ލީޑަރ ޑރ.ޙަސަން ސައީދު ހަމަޖައްސަވައިފިއެވެ.މިކަން ޢީއްލާން ކުރެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ ޖަލްސާގައެވެ. ޑރ.ޙަސަން ސައީދުގެ އިތުރުން މިހާރު ޖުމްހޫރީ ޕާޓީއާއި ކޯލިޝަން ހަދައިގެން ތިއްބެވި ޢަދާލަތު ޕާޓީގެ އިސްވެރިންވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނެވިއެވެ.ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ހަސަން ވިދާޅުވީ ދިވެހިރާއްޖޭގެ އެތައް އެތައް ޒުވާނުނެއް ބޭރު ގައުމުތަކުގެ ބޮޑެތި ޔުނިވަސިޓީތަކުން މަތީ ތަޢުލީމް ޙާސިލްކޮށްގެން ރާއްޖެ އައުމުން އެކުދިންނަށް ވަޒީފާގެ ފުރުޞަތު ނުލިބޭކަމަށާ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެހެން އެކަން ވިޔަ ނުދެއްވާނެ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އޮސްޓްރޭލިއާ ނުވަތަ އިނގިރޭސިވިލާތުގެ ޔުނިވަސީޓީތަކުން މަތީ ތަޢުލީމު ހާސިލްކޮށްގެން އަންނަ ޒުވާނުންނަށް ވަޒީފާ ނުލިބިފައި ތިބޭއިރު މަގުމަތީގައި ދުވަން އުޅޭ މީހުނަށް ވަޒީރުކަން ލިބޭކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެއްކަލަ ތަޢުލީމީ ކުދިން ބޭކާރުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.“އަޅުގަނޑުމެންގެ ސަރުކާރުން ރާއްޖޭގެ މޮޅެތި ކިޔަވާ ކުދިންނަށް ފުރުޞަތު އޮންނާނެ” ޑރ. ޙަސަން ވިދާޅުވިއެވެ.އަދިވެސް ޑރ. ޙަސަން އިތުރަށް ވިދާޅުވީ ރާއްޖެއިން ވަޒީފާނުލިބޭ ދިވެހިންނަށް ބޭރުގެ މަލްޓިނޭޝަނަލް ކުންފުނިތަކުން ވަޒީފާ ލިބޭކަމަށެވެ. ޑރ.ޙަސަން އިތުރަށް ވިދާޅުވީ އެމަނިކުފާނާއި ގާސިމް އިބްރާހިމަކީ ފުރުޞަތެއްލިބި ކަމެއް ނުކޮށްދެއްވައި ތިބި ބަޔެއް ނޫންކަމަށާއި އެހެން ބޭފުޅުން ދައްކަވަނީ ހުސްވާހަކަތަކެއްކަމަށެވެ. މިރޭގެ ޖަލްސާގައި ދިވެހި ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރައްވާނެ ގޮތްތަކަކާ ބެހޭގޮތުންވެސް ކޮންމެވެސް ވަރަކަށް ޑރ.ޙަސަން އަލި އަޅުވާލެއްވިއެވެ. ލިބޭ މުސާރައިން ދެކޮޅު ޖެހޭ ނިޒާމެއް ގާއިމް ކޮށްދެއްވާނެކަމަށްވެސް ޑރ.ޙަސަން ވިދާޅުވިއެވެ.މިރޭގެ ޖަލްސާގައި ޑރ ހަސަން ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ވާހަކަދެއްކެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ