ޚާއިނެއް ކަމުގައި ދެކެވަޑައިގަތީ ބޭނުންފުޅުވި ގޮތަށް އަމަލު ނުކުރުމުން: ޝަރީފް

ރައީސް އަބްދުﷲ ޔާމީން، އަހުމަދު ޝަރީފް ޚާއިނެއްގެ ގޮތުގައި ސިފަކުރައްވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް އަމަލު ނުކުރެއްވުމުން ކަމަށްވެދާނެ ކަމަށް ސްޓްލްކޯގެ އެމްޑީ އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ، ވީޓީވީގެ "ބޮޑު ފެންޑާ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކަންތައް ހިނގާ ދިޔަގޮތާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، އިންތިޚާބާ ގުޅިގެން ޕީޕީއެމްގެ ލީޑަރޝިޕުން ގިނަ ފިއްތުންތަކެއް ކުރިމަތި ކުރުވި ކަމަށެވެ. ސިޔާސީ މަސައްކަތް ކުރެއްވީ ޕީޕީއެމްއަށް އިޚްލާސްތެރިވެގެން ކަމަށާއި، ނަމަވެސް، ޕާޓީގެ ލީޑަރޝިޕުން ފަހުން ދެއްކި ވާޙަކަތަކަކީ ދެވަނަ ފަހަރު ޕީޕީއެމާއެކު މަސައްކަތް ކުރުމަށް ފުރުސަތު އޮތް މޭރުމުން ދެއްކި ވާހަކަތަކެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޔާމީން، އެމަނިކުފާނު ޚާއިނެއްގެ ގޮތުގައި ސިފަކުރައްވަނީ ކީއްވެކަން ސީދާ ވިދާޅުވާ އެނގިވަޑއިނުގަންނަވާ ކަމަށާއި، ނަމަވެސް އެއީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށް އަމަލު ނުކުރެއްވުމުން ކަމަށް ވުން އެކަށީގެންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އޭރު އެފަދައިން އަމަލުނުކުރެއްވީ ރައީސް ޔާމީނަށް ދެރަގޮތެއް ހެއްދެވުމުގެ ބޭނުމުގައި ނޫން ކަމަށާއި، ނަމަވެސް އިންތިޚާބުގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ހިނގި ކަމަށް އެމަނިކުފާނުގެ ޒަމީރު ގަބޫލުނުކުރައްވާ ކަމަށެވެ. އަދި، ރައްޔިތުން ގޮތް ނިންމާފައި އޮތް ކަމަކާމެދު އީސީގެ ރައީސްގެ ހައިސިއްޔަތުން މީޑިއާގައި ވިދާޅުވާ ބަސްފުޅެއްގެ ސަބަބުން އިތުރު ހަމަނުޖެހުން އުފެދި ރައްޔިތުންގެ ނިންމުމާ ޚިލާފުވާން ބޭނުންވެނުލެއްވި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގައި އެކޮމިޝަންގެ ރައީސްގެ ދައުރަކީ ކޮބައިކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އީސީގެ ރައީސަކަށް ހުންނަވާ ބޭފުޅަކު އަމިއްލަ ފުޅަށް ނިންމުންތައް ނިންމެވުމަށް ގާނޫނުން ޖާގަ ދީފައި ނުވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އިންތިޚާބަކާއި ގުޅިގެން ކަންތައްތައް ނިންމޭނީ އިންތިޚާބުތަކާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމަށާއި، އެހެން ކަމަށް ވީއިރު އީސީގެ ރައީސަކަށް ހުންނަ ބޭފުޅެއްގެ ނުފޫޒުން ނުވަތަ ބާރުން އިންތިޚާބުގެ ނަތީޖާ ވަކި ގޮތަކަށް ބަދަލުކުރާ ކަމުގައި ވަނީނަމަ އެކަން ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.
މީގެއިތުރުން، ޝަރީފް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އީސީން ޚިލާފުވެފައިވަނީ އިންތިޚާބުތަކާ ބެހޭ ގާނޫނުގެ ކޮން މާއްދާއަކާ ތޯ އައްސަވައި، ރައީސް ޔާމީނަށް ސުވާލު އަމާޒުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ