ޔުނައިޓެޑުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާ ލިވަޕޫލް ލީގުގެ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު ފަސޭހަކަމާއެކު 4 - 0 ން ބަލިކޮށް ލިވަޕޫލް ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ނުކުޅެވުންއިރު އެޓީމުގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ވެސް އޭނާގެ އެއް ދަރިފުޅު މަރުވުމުން އާއިލާއަށް ވަގުތުދޭން ޓީމާ ދުރުގައި ހުރުން އެއީ ރޭގެ މެޗަށް ނުކުތްއިރު ޔުނައިޓެޑަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމެވެ.
ރޭގެ މެޗުގެ 7 ވަނަ މިނެޓްގައި ރޮނާލްޑޯއާއެކުގައިވާކަން ދައްކުވައިދީ ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.
ލިވަޕޫލް މިމެޗުން މޮޅުވެ އެއްވަނައަށް އެރީ ކުރިން އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.
ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން---
ރޭގެ މެޗަށްފަހު ލިވަޕޫލަށް 32 މެޗުން މިހާތަނަށް 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސިޓީއަށް ވަނީ 31 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ސިޓީއަށް އަލުން އެއްވަނައަށް އެރޭނެ އެވެ.
ރޭގެ މެޗު ލިވަޕޫލުން ފަސޭހަކަމާއެކު ކާމިޔާބުކުރިއިރު ރޭގެ މެޗުގެ ފުރަތަމަ ލަނޑަކީ ލިވަޕޫލްގެ މުހައްމަދު ސަލާހު ދިން ބޯޅައަކުން ލުއިސް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ 22 ވަނަ މިނިޓްގައި ސަލާހު ޖެހި ގޯލުން ލިވަޕޫލުން ލީޑު ފުޅާކުރިއިރު ލިވަޕޫލްގެ ތިންވަނަ ލަނޑަކީ ޑިއާޒް ދިން ބޯޅައަކުން އޭރިއާތެރެއިން ހަމަޖެހިލާފައި މާނޭ ވައްދާލި ލަނޑެކެވެ.
ލިވަޕޫލްގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ސަލާހު އެވެ. މިމެޗުންވީ ބައްޔާއެކު ލީގު ތާވަލުގެ 6 ވަނައިގައި ޔުނައިޓެޑް އޮތީ 33 މެޗުން ލިބުނު 54 ޕޮއިންޓާ އެކުގަ އެވެ. ގަދަ ހަތަރަކަށް ވަންނަން ޔުނައިޓެޑަށް ފަސޭހައެއް ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ