ނަޝީދަށް ވެރިކަން ހަވާލުނުކުރާނެ ކަމަށް ބުނީ ޝަރީއަތަކާ ނުލާ ވެރިކަމަށް ގެންނަން ރައްޔިތުން ބޭނުން ނުވާތީ: ޖަމީލް

ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވިޔަސް ވެރިކަން ހަވާލުނުކުރައްވާނެ ކަމަށް ވިދާޅުވީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ނުހިންގާ އެމަނިކުފާނަށް ވެރިކަން ހަވާލުކުރަން ރައްޔިތުން ބޭނުން ނުވާނެތީ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ރަސްމީކޮށް ފަށަން ޕީޕީއެމުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޖަމީލް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ނަޝީދާ ވެރިކަން ރައްޔިތުން ހަވާލުނުކުރާނެ ކަމަށާއި އެމަނިކުފާނަށް އިންތިހާބު ކާމިޔާބުވެވަޑައިގަތަސް "ވެރިކަން ހަވާލު ނުކުރާނެ" ކަމަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ވާހަކައާ ގުޅޭ ގޮތުން "ހަވީރު"ން ސުވާލު ދެންނެވުމުން ޑރ. ޖަމީލް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ "ޖަރީމާތައް" ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އެގޮތުން އޭނާ ނެންގެވި ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކާއި ދައުލަތުގެ މުދާ ވިއްކުމުގެ އިތުރަށް ކުންފުނިތައް ހަދައިގެން ގާތް މީހުންނަށް ވަޒީފާ ދިނުން ހިމެނެ އެވެ.
"ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ ނަޝީދު ހިންގާފައިވާ ޖަރީމާތައް. ދިވެހި ރައްޔިތުން ވަގަށް ނެގުމާއި އެއާޕޯޓް ޖީއެމްއާރަށް ދިނުމަށް ކުންފުނީގެ ބޯޑު ބަދަލުކުރުމަކީ އެފަދަ ކަންތައްތައް. އޮޑިޓް ރިޕޯޓުތަކުގައި އެހެރީ ފެންނަން. އެފަދަ މީހަކަށް ވެރިކަން ހަވާލުކުރަން ރައްޔިތުން ބޭނުމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމޭއިރު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ދައުރުގެ މެދުތެރެއިން ޖަލު ހުކުމެއް އައިސް، ވެރިކަން ގެއްލެން ރައްޔިތުން ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދަށް ވެރިކަން ހަވާލުނުކުރައްވާނެ ކަމަށް ރޭ ވިދާޅުވި އިރު އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ވިދާޅު ނުވެ އެ ވާހަކަ ވިދާޅުވީ ޕާޓީގެ ސްޓޭންޑް ބަޔާންކޮށް ދިނުމަށް ނޫންތޯ ދެންނެވުމުން ޖަމީލް ވިދާޅުވީ ޕީޕީއެމަކީ ސިޔާސީ ޕާޓީއެއް ކަމަށާއި ޝަރީއަތުން ނިންމާ ގޮތެއްގެ މައްޗަށް ބަސް ބުނުމުގެ ބާރެއް އެ ޕާޓީ އަށް ލިބިގެން ނުވާ ކަމަށެވެ.
"އަޅުގަނޑަށް ނުވަތަ ޕީޕީއެމަށް ކިހިނެތްތޯ ދައުލަތުގެ މުއައްސަސާއަކަށް ބާރު ފޯރުވޭނީ؟ އަޅުގަނޑު ދަންނަވަމުން މިގެންދަނީ ރައްޔިތުން މި ކަންތައްތަކާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާށޭ. ނަޝީދު ކަންކަން ކުރެއްވި ގޮތް އެހެރީއޭ ފެންނަން،" އޭނާ ވިދާޅުވި އެވެ.
ދެވަނަ ބުރުގެ ވޯޓުގައި ނަޝީދަށް ކާމިޔާބު ލިބިވަޑައިގެންފި ނަމަ އެއީ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބުން ނޫންތޯ ދެންނެވުމުން ޖަމީލް ވިދާޅުވީ ނަޝީދަށް އިންތިހާބު ކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ވެރިކަމަށް ނާދެވޭނެ ސަބަބަކީ ވެރިކަމުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގޭނެތީ ކަމަށެވެ. އަދި ރައްޔިތުން އިންސާފު ގާއިމުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ފަރާތުން ވެރިކަމަށް ނާދެވޭނެ ދެއްތޯ ޕްންޑިން ޗާޖެއް އޮއްވާ، އެކަމުގެ މައްޗަށް ޝަރީއަތް ނުކުރެވި އެއް. ވެރިކަމުގައި ހުއްޓަސް އެ ޝަރީއަތް ހިންގާ، އޭނާގެ މައްޗަށް އިންސާފު ގާއިމުކުރެވޭނެ. ރައްޔިތުން ބޭނުން ވަނީ އެގޮތް،" އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ވޯޓް އޮޅުވާލުމުގެ ތުހުމަތުތައް މިހާރު ކުރެވެމުންދާ އިރު ވޯޓް އޮޅުވާލައިގެން ނަޝީދު ވެރިކަމަށް ވަޑައިގެންފި ނަމަ ވެރިކަމުގައި ނުހުންނެވޭނެ ކަމަށެވެ. ރައްޔިތުން ވެސް އެގޮތަށް އެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލުގެ ވާހަކައާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ހޯދުމަށް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން އަށް ގުޅުމުން އޭނާ ވިދާޅުވީ ކޮމިޝަނުން އެއްޗެކޭ ބުނާނީ އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް އަދި ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ