އަބްދުﷲ ހަމީދު އަވަހާރަވެއްޖެ

ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދު މީގެ އިރުކޮޅެއް ކުރިން އިންޑިއާގެ ބެންގަލޫރުގައި އަވަހާރަވެއްޖެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ރައީސް އަބްދުﷲ ޔާމީނާ އެއްބަފާ ބޭބެ ހަމީދު 76، އަވަހާރަވީ މީގެ ތިން ދުވަސް ކުރިން ހާޓް އެޓޭކެއް ޖެހިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ހަމީދު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. ހަމީދު އިންޑިއާ އަށް ގެންދިޔައީ މާލޭގައި ހުންނަވަނިކޮށް ޖެހި ވަޑައިގެންނެވި ސްޓްރޯލަށް އިތުރު ފަރުވާ ހޯދުމަށެވެ.މައުމޫންގެ ސަރުކާރުގެ ދުވަސްވަރު އެޓޮލްސް މިނިސްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި ނިޝާން
އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ ހަމީދަށް މިދިޔަ މަހު ސްޓްރޯކެއް ޖެހިގެން ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ.  މިދިޔަ މަހުގެ 15 ގައި ބެންގަލޫރަށް ގެންދިޔަ ފަހުން އާއިލާއިން ބުނެފައި ވަނީ ކުރިއަށް ވުރެ ހާލުކޮޅު ރަނގަޅު ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެެއްގެ ރިޔާސަތު ހަމީދު ބަލަހައްޓަވަނީ: އެމަނިކުފާނަކީ ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް.---ފައިލް ފޮޓޯ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދު ކުރިން ވިދާޅުވެފައި ވަނީ ބައްޕާފުޅު ފަހަކަށް އައިސް
އުޅުއްވަނީ އާލާސްކަންފުޅާ އެވެ. ހާއްސަކޮށް އަނބިކަނބަލުން އަވަހާރަވި
ފަހުން ހާލު އެހާ ރަނގަޅު ނޫން ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.ހަމީދުގެ އަނބިކަނބަލުން އަވަހާރަވީ ޖުލައި 1، 2013ގަ އެވެ.މެއި ،30 2007 ގައި ބޭއްވި ކީރިތި ގުރްއާން މުބާރާތުގައި ވަނައަކަށް ދިޔަ ކުއްޖަކަށް ހަމީދު އިނާމު ހަވާލުކޮށްދެއްވަނީ.---ހަވީރު ފައިލް ފޮޓޯ ހަމީދު އެންމެ ފަހުން ސަރުކާރުގައި ހުންނެވީ ސީނިއާ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. އެމަނިކުފާނަކީ
އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގެ ކުރިން ހުޅުލޭ އެއާޕޯޓް
1964 ގައި ހެދިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ވެސް މެ އެވެ. މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ލަންކާ އަށް ހަމީދުގެ ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. ހަމީދު އޭގެ ފަހުން އެނބުރި މާލެ ވަޑައިގަތީ އޯގަސްޓް 2013ގަ އެވެ.
ހަމީދު އަވަހާރަވިއިރު އެ މަނިކުފާނުގެ ފަސް އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ހަމީދަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޑރ. ފާތިން ހަމީދު ވަނީ ކެންސަރުގެ އާ؛ލާސްކަންފުޅެއްގައި ދާދި ފަހުން އަވަހާރަވެފަ އެވެ. ހަމީދަށް ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ