ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން، އެއަށް އެންމެން އަމަލުކުރަން ޖެހޭނެ: ސުޕްރީމް ކޯޓު

އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި އެ ކޯޓުގެ ނިންމުންތަކަށް އެންމެން ވެސް ތަބާވެ އަމަލު ކުރުމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ގޮވާލައިފި އެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން ނެރުނު ދެ ހުކުމަކަށް މަޖިލީހުން ޗެލެންޖް ކުރަމުންދާ ދަނޑިވަޅެއްގައި ދައުލަތުގެ އެންމެ މަތީ ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ށ. ގެ ދަށުން އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ )ނ( ގައިވާ ގޮތުން ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެންމެހާ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބުނެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ ށ. ގެ ދަށުން މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޝަރުއީ ދާއިރާއިންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި، މުއައްސަސާތަކުންނާއި، އެކި މަގާމުތަކާ ހަވާލުވެ ތިބި މީހުންނާއި، ސިފައިންނާއި ސަލާމަތީ ހިދުމަތްތަކުންނާއި، އެންމެހާ ރައްޔިތުން ތަބާވުން ލާޒިމު ވާނެ ނިންމުންތަކެއް ކަމަށެވެ.
"ސުޕްރީމް ކޯޓުންގެ އެންމެހައި ޙުކުމްތަކާއި އަމުރުތަކާއި ނިންމުންތަކަކީ އެއިން ދޭހަވާ ޤާނޫނީ އެންމެހައި ނަތީޖާތަކާއެކު، އިތުރު ބަޙުޘަކާނުލައި، އިތުރު މާނަކުރުމަކާނުލައި އަދި ބަދަލެއް ގެނައުމަކާ ވެސް ނުލައި އެ މައްޗަށް ޢަމަލުކުރުން ޤާނޫނީގޮތުން ލާޒިމުވާ އެންމެ ފަހުގެ ނިންމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤަނޫނުއަސާސީގެ ޞަރީޙަ ނައްސުތަކުން ސާފުކޮށް އެނގެން އޮންނާތީ، ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އެންމެހައި ކަންތައްތައް ކުރުމަށާއި އަދި ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެންމެހައި ފަރާތްތަކަށް އެންގީމެވެ،" ބަޔާނުގައިވެ އެވެ.
ގާނޫނު އަސާސީގެ 299 ވަނަ މާއްދާގެ ހ. އަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ބުނީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުންނާއި މުސްތަގިއްލު ކޮމިޝަންތަކުންނާއި މުސްތަގިއްލު މަޤާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމުތަކާ ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ އަށް ކިޔަމަންވެ އަމަލުކުރަން ވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ސިވިލް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހަންމަދު ފަހުމީ ހަސަން އެ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް މަޖިލީހުން ވަނީ އެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ