ތ. އެލާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައިވާ ތ. އެލާ އަނބުރާ ސަރުކާރަށް ނެގި މައްސަލައިގައި ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ވިލާ ގްރޫޕްގެ އޮފިޝަލަކު 'ސަން' އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ތ. އެލާގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ވިލާ ޝިޕިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައި ވަނީ އެތަން އަނބުރާ ސަރުކާރުން ނެގީ އެއްބަސްވުމާ ޚިލާފު ބާތިލް ނިންމުމަކުން ކަމަށެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުން ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ނިންމައިފަ އެވެ. އެ މައްސަލަ ވިލާގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، ކ. ބޮލިދުއްފަރާއި ވާވެތިފަރުގެ މައްސަލަވެސް ޖެނުއަރީ މަހުވަނީ އެ ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ދެ މައްސަލައިގެ ޝަރީއަތް އަދި ފަށާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ