އަދިވެސް އެންމެ ގިނައީ 100 ދަރިވަރުން ހަމަ ނުވާ ސްކޫލުތައް
ރާއްޖޭގައި ކިޔަވާ ކުދިންގެ އާބާދީ އިތުރުވަމުން ދިޔަ ނަމަވެސް އަދިވެސް އެންމެ ގިނައީ 100 ދަރިވަރުން ހަމަ ނުވާ ސްކޫލުތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިހާރު 278 ސްކޫލު ހުރެ އެވެ. އެކަމަކު އޭގެ ތެރެއިން 100 ދަރިވަރުން ހަމަ ނުވާ 49 ސްކޫލެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ދިހަ ކުދިން ވެސް ހަމަ ނުވާ ސްކޫލަކާއި 30 ކުުދިން ހަމަ ނުވާ ދެ ސްކޫލާއި 50 އަށް ވުރެ މަދު ދަރިވަރުން ކިޔަވާ 12 ސްކޫލާއި 100-50 ދެމެދުގެ އަދަދަކަށް ދަރިވަރުން އުޅޭ 34 ސްކޫލު ހިމެނެ އެވެ. ދަރިވަރުންތަކެއް ރަސްމިއްޔާތެއްގައި: މާލޭގައި ކިޔަވާ ރަށްރަށުގެ ދަރިވަރުންގެ އަދަދު ގިނަ.--ހަވީރު ފޮޓޯ:ނިޝާން އަލީ ދެން އެންމެ ގިނައީ 100-150 އާ ދެމެދުގެ އާބާދީއެއް އޮންނަ ސްކޫލުތަކެވެ. ދަރިވަރުންގެ އަދަދު 1،000އަށް ވުރެ މަތީގައި އުޅެނީ 12 ސްކޫލެއްގަ އެވެ. އޭގެ ތެރޭގައި 2،000 ދަރިވަރުން ހިމެނޭ އެއް ސްކޫލު ހިމެނެ އެވެ. ރާއްޖޭގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރު އެއް ލައްކައަށް އަރަ އެވެ. މީގެ ތެެރެއިން ބޮޑު ޕަސެންޓެއް މާލޭގައި ކިޔަވާއިރު އޭގެ ތެރޭގައި ރަށްރަށަށް ނިސްބަތްވާ ކުދިންގެ އަދަދު ގިނަ އެވެ. އެގޮތުން މާލޭގެ ސްކޫލުތަކުގައި 22،000 އަށް ވުރެ ގިނަ ކުދިން ކިޔަވާއިރު އޭގެ ތެރެއިން 38 ޕަސެންޓް ކުދިންނަކީ ރަށްރަށަށް ނިސްބަތްވާ ދަރިވަރުންނެވެ. ވަކިވަކި ގްރޭޑްތަކަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ކުދިން މާލޭގައި ކިޔަވަނީ ގްރޭޑް ނުވައެއްގަ އެވެ. އޭގެ އިތުރުން ގްރޭޑް އެކަކާއި ހަތެއްގައި ވެސް ރަށްރަށަށް ނިސްބަތްވާ ގިނަ ކުދިން މާލޭގެ ސްކޫލުތަކުގައި ކިޔަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ