ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރީގެ ނާއިބް ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ މުހައްމަދު ޖަމީލް އަހްމަދާއި މަޝްވަރާކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
އުމަރު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަމުން އޭނާގެ ޕަބްލިކް ވައިބާ ޗެޓް ގުރޫޕްގައި ވިދާޅުވީ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑަައިގަންނަވާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.
އުމަރުގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް ޑރ. ޖަމީލާއި އެމަނިކުފާނުގެ ޓީމާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާ ވެސް މިދަތުރުފުޅުގައި ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ހަރަކާތްތަކުން ކުރިން އިސް ސަފުގައި ފެނިގެން ދިޔަ ސޮބާހް ރަޝީދުއާ ވެސް ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިގައުމު ތެދުވެރިކަމާ އަދުލުވެރި ކަމުގެ މަގަށް ގެނައުމަށް މިކުރާ މަސައްކަތުގައި ﷲ ބަރަކާތްލައްވާށި،" އުމަރުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ކަމުގައި ހުންނެވުމަށްފަހު އުމަރު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު އިއުލާންކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.
ޑރ. ޖަމީލާއި މަޝްވަރާކުރެއްވުމަށް އުމަރު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ