ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނިކޮށް އެމަނިކުފާނު މާފުށި ޖަލުން ދޫނިދޫ ޖަލަށް ބަދަލުކުރުމަށްފަހު އަނެއްކާ މިއަދު މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު ގޯސްވެ މާފުށީ ޖަލުގައި ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.
ރައީސް މައުމޫން މާފުށި ޖަލުން ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދޫއަށް އިއްޔެ ގެންގޮސްފައިވާއިރު މިއަދު އަނެއްކާވެސް ވަނީ ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. ނަމަވެސް ރައީސް މައުމޫން އެއް ޖަލުން އަނެއް ޖަލަށް ބަދަލުކުރަމުންދާ ސަބަބެއް ކަރެކްޝަނަލް ސާރވިސްއިން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މައުމޫންގެ ސިއްހީހާލުކޮޅު ގޯސްވެފައިވަނިކޮށް އެއްޖަލުން އަނެއް ޖަލަށް މިގޮތަށް ބަދަލުކުރަމުންދާ ދިއުމާއިމެދު އެމަނިކުފާނުގެ އާއިލާއާއި ގާނޫނީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ އިންސާނިއްޔަތާއި ޚިލާފު އަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
ރައީސް މައުމޫނުގެ އަރިސް ބޭފުޅަކު އިއްޔެ ވީނިއުސްއަށް ވިދާޅުވީ އަދިވެސް އެމަނިކުފާނުގެ ހާލުކޮޅު ރަގަޅު ނުވާ ކަމަށެވެ. އަދި މިހާރުވެސް މާލެ ގެނެސް ޑޮކްޓަރަށް ދެއްކޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މައުމޫންގެ ދޫނިދޫއަށް އިއްޔެ ބަދަލުކުރީ އެމަނިކުފާންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެމަނިކުފާނާ ބައްދަލުކުރެއްވުމަށް މާފުއްޓަށް ގޮސް ހުންނަވަނިކޮށް އެފުރުސަތު ވެސް ނުދީ ކަމަށެވެ. އަދި ރައީސް މައުމޫން އިއްޔެ ދޫނިދޫއަށް ބަދަލުކުރިކަން ރަސްމީކޮށް އާއިލާއަށްވެސް އަންގާފައި ނުވާކަމަށެވެ.
ރައީސް މައުމޫނުގެ ހާލުކޮޅު ގޯސްވީ އެމަނިކުފާނު ތަހައްމަލު ކުރައްވަމުން ގެންދަވާ އަނބުރައިގަންނަގޮތް ވުމުގެ ބަލީގެ ސަބަބުން ކަމުގައި ރައީސް މައުމޫނުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ. ރައީސް މައުމޫނުގެ ވަކީލުންގެ ބައްދަލުވުންވެސް ކެންސަލް ކޮށްފައިވާ ކަމަށާއި ވަކީލުންގެ ބައްދަލުވުން ކެންސަލް ކޮށްފައި ވަނީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ތެދުވެވަޑައިގެން އުޅުއްވުމަށް ދަތިފުޅުވާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ހާލުކޮޅު ގޯސްވެ މާފުށީ ޖަލުގެ ޑޮކްޓަރުން އެމަނިކުފާނު މާލެ ގެންގޮސް ފަރުވާ ދިނުމަށް އެންގި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ފަރުވާއަށް ރައީސް މައުމޫނު މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވި ނަމަވެސް ކަރެކްޝަނުން ވަނީ އެގޮތަށް އަމަލުކުރުމަށް ދެކޮޅު ހަދާ މާލެއިން ޑޮކްޓަރުން މާފުށީ ޖަލަށް ގެންގޮސްފައެވެ.
ރައީސް މައުމޫނަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށް ބުނެ އެތަށް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރައީސް މައުމޫނު ޖަލުގައި ބަންދުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ތަހުގީގަށް ފޯނު ނުދެއްވި ކަމުގައި ބުނެ ކުރި ދައުވާ ސާބިތުވާ ކަމަށް ނިންމައި 1 އަހަރާއި 7 މަހަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމްކޮށްފައިއެވެ.
އުމުރު ފުޅުން 82 އަހަރު މިހާރު ވެފައިވާ ރައީސް މައުމޫން ހައްޔަރު ކުރީ މިއަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވާއިރު، އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ދައުލަތުގެ އެކި މުއައްސަސާތަކުގައި އާދޭސް ދަންނަވާފައި ވެއެވެ.
ރައީސް މައުމޫން ދޫނިދޫ ޖަލުން އަނެއްކާވެސް މާފުށީ ޖަލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ