މަޖިލީހުގެ ރައީސް ކަމުގައި ހުރުމަށް ޕީޕީއެމުން ބޭނުންވާ މީހަކު އަދި ނުނިންމާ: މައުމޫން

އަށާވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަމުގައި ހުރުމަށް ޕީޕީއެމް އިން ބޭނުންވާ މީހަކު އަދި ނުނިންމާކަމަށް އެޕާޓީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން ލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރީންނާ ބައްދަލުކުރައްވައި ވިދާޅުވީ އަށާވަނަ ރައްޔިތުން މަޖިލީހުގެ ރައީސަކަށް ހުންނާވާނީ ޕީޕީއެމް މެންބަރެއްތޯ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރެއްތޯ ނުނިންމަވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ރައީސަކަށް ހަމަޖައްސަވަނީ އެންމެ ގިނަ ގޮނޑި ތަމްސީލްކުރާ ޕާޓީއެއްގެ މެންބަރެއް ކަމަށާއި 2009 ވަނަ އަހަރުވެސް ރާއްޖޭގައި އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެނގިވަޑައިގަންވާނެ 2009 ވަނަ އަހަރު އިންތިހާބުގައި، އޭރު ޑީއާރުޕީއަށް އެންމެ ގިނަ ގޮނޑި ލިބުނީ. އޭރުގެ މަޖިލީގެ ރައީސަކަށް އަބްދުﷲ ޝާހިދު ހަމަ އިންތިހާބުކުރީ އެގޮތަށް ބަލާފައި. އެއީ އަމަލުކުރަމުން އައި އުސޫލު. އެހެން ނަމަވެސް މި ގޮތަށް އަޅުގަނޑުމެން ނިންމީކީ ނޫން. އަޅުގަނޑުމެން އިތުރަށް މަޝްވަރާކޮށްފައި ނިންމާ ގޮތެއް އާންމުކޮށް އިއުލާންކުރާނަން، " އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޝްވަރާތައް އިތުރަށް ކުރަން ބޭނުންވާތީ އަށާވަރަ ރައްޔިތުން މަޖިލީހުގެ ރައީސަކަށް ހުރުމަށް ޕީޕީއެމް ބޭނުންވާ މީހަކު އަދި ވިދާޅުވުން އަވަސްކަމަށެވެ.
" އަޅުގަނޑުމެން މި މައްސަލައިގަ އިތުރަށް މަޝްވަރާކުރަން ބޭނުންވޭ. އެ މަޝްވަރާތައް މި ކުރިއަށް މި ގެންދަނީ. އަދި އަޅުގަނޑު މާލެ އައީމަ އިރާދަކުރެއްވިއްޔާ ޕީޕީއެމް ތެރޭގައި އެ މަޝްވަރާތައް ކުރިއަށް ދާނެ. ވަކި ބޭފުޅަކަށް ތާއިދުކުރާކަމެއް ވަކި ބޭފުޅަކަށް ތާއިދުނުކުރާކަމެއް މި ވަގުތު ދަންނަވާލުމަކީ ހަމަ ޖެހޭ ކަމެއް ނޫންކަންނޭނގެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އެގޮތަށް ވިދާޅުވާއިރު، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމް ޕީޕީއެމް އިން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ