ދ.އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި

ދ.އަތޮޅު ކައުންސިލްގައި ކުޑަހުވަދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އިސްމާއީލް ސައީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އިސްމާއިލް ސައީދުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވާތީ އޭނާ އެއް އަހަރަށް އަރުވާލުމަށް ކުރީގެ ފުލުސް ކޯޓުން ހުކުމްކޮށްފައިވާތީ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ އަކީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތެއް ފުރިހަމަނުވާ މީހެއް ކަމަށް ބުނެ ކުޑަހުވަދޫ ބޯގަންވިލާ ޝާތިރު އަބްދުއްރަހުމާނެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އިސްމާއިލް ސައީދުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކުރީގެ ފުލުސް ކޯޓުން ހުކުމްކޮށްފައިވާ ކަމަށާއި އަދި އެ ހުކުމަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ވާދަކޮށް އިސްމާއިލަށް މެމްބަރުކަން ލިބިފައިވީ ނަމަވެސް އޭނާގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެފައި ވާތީ އޭނާއަކީ އިންތިހާބަށް ކުރިމަތިލިއިރު ވެސް ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަނުވާ މީހެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
މިގޮނޑި ތަމްސީލް ކުރައްވަމުން ގެންދެވި އިސްމާއީލް ސައީދަކީ މިނިވަން މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ