އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ އަޑުއެހުންތައް ޝެޑިއުލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ބޭރުން ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ދައުވާކުރާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ހުޅުމާލެ ކޯޓުން ތާވަލްކޮށްފިއެވެ.
އަބްދުﷲ ގާޒީ މައްސަލައިގައި ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނު އާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ޑިޑީ) އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އެންމެ އަވަހަށް ވެސް ނޮވެމްބަރު 4 ގައި އެވެ. އެ ދުވަހު ހަވީރު 5 ޖަހާއިރު އޮންނާނީ ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ އެވެ.
ނޮވެމްބަރު 5، ގައި ތޮލްހަތުގެ ޝަރީއަތް 4:00 ޖަހާއިރު އޮންނައިރު އެ ދުވަހު 5:00 ޖަހާއިރު ޑީޑީގެ ޝަރީއަތް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނޮވެމްބަރު 6 ވަނަ ދުވަހު ހަވީރު 4:00 ޖަހާއިރު ކާނަލް ޒިޔާދުގެ މައްސަލައިގެ ޝަރީއަތް އޮންނައިރު ހަމަ އެ ދުވަހު 5:00 ޖަހާއިރު މޫސާ އަލީ ޖަލީލުގެ މައްސަލަ ވެސް އޮންނާނެ އެވެ.
މިހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައިގައި މިހާތަނަށް ބާއްވާފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެކެވެ. ގާޒީ ހައްޔަރު ކުރުމުގެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް އިއްވުމުން އެމަނިކުފާނު ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އެމަނިކުފާނު ޝަރީއަތަށް ހާޒިރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާއިން ހައްޔަރުކޮށްގެން ގެނެއުމަށްފަހު ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ