ސުޕްރީމް ކޯޓުގެ ނުފޫޒް ފޯރުވައިގެން ބާއްވާ އިންތިޚާބެއްގައި ބައިވެރިވާނެ ކަމެއް ނެތް - ނަޝީދު

ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިޚާބެއްގައި އެމްޑީޕީއިން ބައިވެރިވެގެންނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުހެންވޭރު ދާއިރާއަށް އެމްޑީޕީއިން ކުރިމަތިލައްވާ ކެންޑީޑޭޓް ރީކޯ މޫސާ މަނިކުގެ ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ މި އިންތިޚަބުގައި ވަގު ހެދުމަށް އިލެކްޝަންސްއަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިޚަބަކީ ސައްޚަ އިންތިޚާބަކަށް ނުވާނެ ކަމަށެވެ.
"މި އިންތިޚާބުގައި ގަސްތުގައި އޮޅުވާލައި، ވަގު ހެދުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިޚާބެއް ސައްހަ އިންތިޚާބަކަށް ނުވާނެ. އެފަދަ އިންތިޚާބެއްގައި އެމްޑީޕީ ބައިވެރި ވާނެ ކަމެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއިން ބައިވެރި ނުވާ އިންތިޚާބަކުން ރައްޔިތުންގެ މަޖިލީހެއް އަމިއްލައަށް ސަރުކާރަށް ތާޢީދު ކުރައްވާ ބޭފުޅުން އުފައްދަވައިގެން، "ބަތްކައްކާ" އެބޭފުޅުން ކުޅުއްވާނެ ކަމަށެވެ. ނަމަވެސް، އެމްޑީޕީ ބައިވެރިނުވާ މަޖިލީހަކީ އޭގެ މާނައިގައި ރައްޔިތުންގެ މަޖިލީގެއް ނޫން ކަމަށް ބައިނަލްއަޤްވާމީ ދުނިޔެއާއި ރާއްޖޭގެ ރައްޔިތުންވެސް ޤަބޫލު ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާދަމާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރު ކުރުމަށް ކުރި އަމުރަށް އަލިއަޅުއްވާލައްވަމުން، ނަޝީދު ވިދާޅުވީ އިންތިޚާބު ލަސްކުރުމަށް ލާޒިމު ކޮށް، އެކި އޮޅުވާލުންތައް ގެނައުމަށް ލާޒިމު ކޮށްފި ނަމަ ރާއްޖޭގެ ދިމޮކްރަސީއަށް ލިބޭ ގެއްލުން ބޮޑު ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކޯޓަށް ގެންދަވާ، އެ އިންތިޚާބު ލަސްކުރައްވާ، އަދި މި އިންތިޚާބުގެ ވޯޓަރ ލިސްޓާއި އެހެނިހެން އެއްޗެއްސަށް ކުޅެ، އެކި ގޮތްގޮތަށް އޮޅުވާލުން ގެނެސްފި ނަމަ، އެފަދަ އިންތިޚަބެއގައި ބައިވެރި ވީމާ އާޅުގަނޑުމެންގެ ރާއްޖެއަށާއި ޑިމޮކްރަށީއަށް ލިބޭގެއްލުން މާ ބޮޑޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ހިތްމަތާއި އެކު އަބަދުވެސް މަސައްކަތް ކުރަންވާނީ ވޯޓްގެ ކަންތައް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި އިންތިޚާބު ރަނގަޅު ގޮތުގައި ނުގެންދެވިއްޖެ ނަމަ، އެހިސާބުން މުޅި ދައުލަތުގައި ހިނގާ ހުރިހާ ކަމެއް ކިލަނބު ވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ