ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިވަން 50 އޮފީހުން އިންތިޒާމުކޮށްގެން މިއަދު ހަވީރު މާލޭގައި ފުޅަނދުބުރެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
"ފަންނުވެރިންގެ ހަވީރު" މި ނަމުގައި ފުޅަނދު ބުރު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު، ސޯޝަލް ސެންޓަރު ކައިރިންނެވެ. ސޯޝަލް ސެންޓަރުން ފަށައިގެން މަޖީދީ މަގުން އިރަށް ގޮސް އޮލިމްޕަސް ކައިރީގައި ފުޅަނދުތައް މަޑު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުޅަނދުބުރު މެދުކަނޑާލާނީ ރާޅުގަނޑު ސަރަހައްދަށެވެ.
އަދި މިރޭ ރާޅުގަނޑު ސަރަހައްދުން 8:30 ގައި ފުޅަނދުބުރު ފަށައި މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވުމަށްފަހު، އަނެއްކާވެސް ރާޅުގަނޑަށް ފުޅަނދުތައް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ޖުމްލަ 9 ފުޅަނދެއް ބައިވެރިވެއެވެ.
"ވަގުތަށް" މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މިއަދު ބާއްވާ ފުޅަނދުބުރަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބޭއްވޭ ހަރަކާތެއް ކަމަށާއި މި ހަރަކާތް ތަފާތު ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.
"މި ފުޅަނދުބުރުގައި ރާއްޖޭގެ ކުރީގެ ސަގާފީ ދައްކުވައިދޭ ފުޅަނދުބުރުތައް ތައްޔާރުކުރެވިފައި ހުންނާނެ، އަދި ރާއްޖޭގެ ކުރީގެ ސަގާފަތް ދައްކުވައިދޭ އެއްޗެހި ފުޅަނދުބުރު ތެރެއިން ފެނިގެންދާނެ." ތަޒްމީލް ވިދާޅުވިއެވެ.
ތަޒްމީލް ވިދާޅުވީ ފުޅަނދުތައް އޮލިމްޕަސް ކައިރިއަށް މަޑުކުރުމަށްފަހު، ކޮންމެ ފުޅަނދެއް ރަމްޒުކޮށްދޭ ފުޅަނދެއްގެ ހަރަކާތް ފެނިގެންދާނެ ކަމަށެވެ. އަދި މިރޭ ރާޅުގަނޑު ސަރަހައްދުގައި މިއުޒިކް ޝޯއަކާއިއެކު ފުޅަނދުތަކުގެ ކުޅިވަރުތައް ބަލާލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ފުޅަނދުބުރާއި މިއުޒިކް ޝޯ ބަލާލުމަށްޓަކައި ވީހާވެސް ގިނަ ބަޔަކު މަގުތަކަށް ނިކުތުމަށް މިނިވަން 50 އޮފީހުންނާއި ހޯމް މިނިސްޓްރީން އެދެއެވެ.
މިނިވަން 50 ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ފުޅަނދުބުރެއް ބާއްވާއިރު، ޖުލައި މަހުގެ 26 ވަނަ ދުވަހު ވެސް ފުޅަނދުބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިވަން 50 ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ފުޅަނދުބުރެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ