މުޒާހަރާ ކުރަނީ މައުމޫން ވިދާޅުވެގެން ކަމަށްބުނެ އަލީ ވަޙީދު ދެއްކީ ދޮގު ވާހަކައެއް – ޕީޕީއެމް

މިދުވަސްވަރު މާލޭގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި މުޒާހަރާ ތަކާއި އަދި ވަކި ތާރީޙެއް ކަނޑައަޅައިގެން މާލޭގައި ބޮޑު އެއްވުމެއް ރާވަމުން ގެންދަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަަބްދުﷲ ގާތު ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެގެން ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި އެވާހަކަތަކަކީ ޙަޤީޤަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމްއެމް ބުނެފިއެވެ.
ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަލީ ވަޙީދާއި އިމްރާނު އަބްދުﷲގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސް މައުމޫން އާއި ރައީސް ޔާމީން އަދި ސަރުކާރާއި ސަރުކާރުގެ "އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މެދު ނުތަނަވަސްކަން އުޅޭކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ވެސް ހަޤީޤަތާއި ހިލާފަށް ގައުމުގައި ފިތުނަ އުފެއްދުމުގެ މަޤްސަދުގައި ބަޔަކު ދައްކަމުންގެންދާ ވާހަކަތަކެއް" ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމް އާއި ސަރުކާރާއި ދެމެދު "ނުތަނަވަސްކަމެއް ނެތްކަން އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓައްކައި ދަންނަވަމެވެ."
ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމް އަށާއި ސަރުކާރަށް ތާއިދުކުރައްވާ އެއްވެސް ބޭފުޅަކު އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ މުޒާހަރާތަކުގައި ބައިވެރިވެވަޑައިނުގެން ހަމަޖެހިވަޑައިގެން ތިއްބެވުމަށް ގޮވާލާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ