ރާއްޖޭގައި މަތީ ތައުލީމު ހޯދާ މީހުންގެ ނިސްބަތް މާ މަދުކަމަށް ވޯލްޑް ބޭންކުން ބުނެފި

މެދު އާމްދަނީ ލިބޭ ގައުމުތަކާ އަޅާބަލާ އިރު ރާއްޖޭގެ ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގައި ބައިވެރިވެވޭ ނިސްބަތް މާ ބޮޑަށް ވެސް ދަށް ކަމަށް ވޯލްޑް ބޭންކުގެ ދިރާސާ ރިޕޯޓަކުން ދައްކައިފި އެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގައި ބައިވެރިވާ ކުދިންގެ ނިސްބަތް ބެއްލެވުމަށް ވޯލްޑް ބޭންކުންގެ ހަރަދުގައި 2010 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އެ ބޭންކުގެ ކޮންސަލްޓަންޓުންގެ ޓީމެއް ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ރާއްޖޭގައި އުޅޭ 18 އަހަރާއި 23 އަހަރުގެ ޒުވާނުން، މަތީ ތައުލީމުގައި ބައިވެރިވާ ނިސްބަތް ނުވަތަ 'ގްރޮސް އެންރޯލްމަންޓް ރޭޝިއޯ' ވަނީ އެހެން މެދު އާމްދަނީ ލިބޭ ގައުމުތަކާ އަޅާ ބަލާއިރު ހަ ޕަސެންޓް ދަށުގަ އެވެ.
މެދު އާމްދަނީގެ ގައުމުތަކުގައި އެ ނިސްބަތް އުޅެނީ 12 ޕަސެންޓާއި 26 ޕަސެންޓާ ދެމެދުގަ އެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގައި ގައުމީ ޔުނިވާސިޓީއަކާއި އަމިއްލަ ފަސް ކޮލެޖް އުފެދި ، ޕޮލިޓެކްނިކާއި ކުއްލިއްޔާ ހުރި އިރު ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން ޑިގްރީ ހެދުމަށް ރާއްޖެ އިން ބޭރަށްދާ ކަމަށް ބުނެފައިވެ އެވެ. އަދި އެގޮތަށް އެކަން ދިމާ ވަނީ ރާއްޖޭގައި މަތީ ތައުލީމަށް ހަރަދު ކުރުމަށް 'ފަންޑިން ފޯމިއުލާ ނިޒާމެއް' ނެތުމާއި ޕަބްލިކް ޕާޓްނާޝިޕްގެ އުސޫލު ފުޅާކޮށް އަމިއްލަ ކޮލެޖްތަކަށް އެހީ ދޭނެ ހަރުދަނާ އުސޫލްތަކާއި މިންގަނޑުތަކެއް ނެތުމުން ކަމަށް ވޯލްޑް ބޭންކުން ހޯމަ ދުވަހު ނެރެނު އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތުން އަމިއްލަ ފަރާތަކަށް ބިންދިނުމާއި ކުލާސްރޫމްތައް ކުއްޔައް ހިފައިގެން އުޅޭ ފަރާތްތަކަށް ސަބްސިޑީ އާއި ގްރާންޓް ދިނުމަށާއި އަމިއްލަ ފަރާތްތަކަށް ދައުލަތުގެ މާލީ އެހީ ދޭނެ އުސޫލުތަކެއް ކަނޑަ އެޅުން މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ.
އަދި މީގެ އިތުރުން، މަތީ ތައުލީމު ތަރައްގީ ކުރުމަށް ގައުމީ އޮނިގަނޑަކާއި މަތީ ތައުލީމްދޭ ހުރިހާ ފަރާތްތަކަށް ޖަވާބު ދާރީ ވާނެ އުސޫލެއް ނުވަތަ 'އެކައުންޓަބިލިޓީ ފްރޭމްވޯކެއް' އޮންނަން ޖެހޭނެ ކަމަށާއި މަތީ ތައުލީމަށް ދާން ތިބި ދަރިވަރުންނަށް މާލީ އެހީގެ ގޮތުގައި ލޯނާއި ސްކޮލާޝިޕް ދެމެހެއްޓެނެވި އަދި ހަރުދަނާ ގޮތަކަށް ދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުވާލާފައިވެ އެވެ.
އެގޮތުން މަތީ ތައުލީމް ހޯދާ ދަރިވަރުންނަށް މާލީ އެހީ ހޯދައިދިނުމަށްޓަކައި ވަކި ސިޔާސަތެއްގެ ދަށުން އެހީ ދޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަކީ ބޭނުންތެރި ކަމެއްކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ