އުވާލަންޏާ އުވާލަންވީ މުއިއްޒުގެ އޮޅުހިޔާ

ރޫޅާލާ އުވާލަންވީ އަތޮޅު ކައުންސިލްތޯ ނޫނީ ރައްޔިތުންގެ މަޖިލިސްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ގާނޫނު އަސާސީ ލާޒިމުކުރަނީ ރައްޔިތުންގެ މަޖިލީހެއް އޮތުމަށެވެ. ރައްޔިތުން ވޯޓު ދިނުމުން ރައްޔިތުން ދޫކޮށް ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ސަރުކާރު ގޮނޑިކޮއްކޮ މަޖިލިހެއް އޮތުމަކަށް ގާނޫނު އަސާސީ ލާޒިމެއް ނުކުރެއެވެ.
ބައެއް މީހުން ކިޔާއުޅޭ ގޮތުގައި މިހާރު ރާއްޖޭގައި އޮތް މަޖިލިސް ރައްޔިތުންގެ މަޖިލީހަކަށްވުރެ މުއިއްޒުގެ އޮޅުހިޔަލަކާ މާ ވައްތަރެވެ. އެހެން އޮތް އޮޅުހިޔާ ފެސިލީޓީ އުވާލުން އަތޮޅު ކައުންސިލް އުވާލުމަށްވުރެ ރަގަޅުކަމަށް އެތައް ބަޔަކު އެބަކިޔައެވެ. ރައްޔިތުން އިންތިހާބު ކުރީމާ ހުވާކޮށްގެން އެތަނަކަށް ވަދެވުނީމާ ލަދެއް ހަޔާތެއް ގަންނަނީއެއް ނޫނެވެ. ހަމައެއް ލަމައެއް އޮންނަނީއެއް ނޫނެވެ. 
ހަރަދާއި އިސްރާފާއި ދަރަނީގެ ވާހަކަ ކަރުންނާރު ނަގާ ދައްކަމުން ހަރަދު ކުޑަކުރާނަމުގައި ރައްޔިތުން ބިކަކުރުން ނޫން ކަމެއް ނުކުރެއެވެ. ޖަޒުބާތުގައި ބޮޑެތިކަންކަން ނިންމާލާއިރު ކަމުގެ އެކޮޅުމިކޮޅެއް ބަލަނީއެއް ނޫނެވެ. ހަރަދު ކުޑަކޮށް ހިންގުމުގެ ލޭޔަރ ތުނިކުރުމުގެ ނަމުގައި ރާއްޖޭގެ އިދާރީދާއިރާތަކުގެ ގާނޫނީ ހައިސިއްޔަތު ގެއްލުވާލެވުނު އިރުވެސް ނޭނގުނެވެ.
އަންތަރީހެއް ނުވާނެހެއްޔެވެ. ހަރަދަށް ބަލާ ހަރަދު ކުޑަ ކުރާނަމަ ހުރިހާ އަތޮޅު ކައުސިލް ތަކުގެ ހަރަދުތައް އުޅޭނީ އޮޅުހިޔަލުގެ ހަރަދަށްވުރެ އެތައް ގުނައެއް މަތިގައެވެ. މުސާރައިގެ ގޮތުން ބަލާނަމަ ހުރިހާ އަތޮޅު ކައުނސިލްތައް ހިންގަން ހަރަދު ކުރާވަރު އޮޅުހިޔަލުގެ ކޮއްތަށް އެކަނި ހޭދަވާނެއެވެ. ދައުލަތަށް އެންމެ މަންފާ ބޮޑުގޮތަކީ ހަރަދު ބޮޑު ތަނެއް ލުހެލައިގެން ހަރަދު ކުޑަކުރުމެވެ. 
ރައްޔިތުންގެ މަޖިލިސްގެ ގާނޫނީ ޒިންމާ އަކީ ސަރުކާރާއި ދައުލަތުގެ އިދާރާތައް ޖަވާބުދާރީކޮށް ގާނޫނު އަސާސީގައިވާ ހަމައިން ސަރުކާރު ހިންގާތޯ ބެލުމާއި ދިވެހީންނަށް ފައިދާވާނެހެން ދައުލަތުގެ މާލިއްޔާ މެނޭޖު ކުރުމެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ދައުލަތުގެ މުދަލާއި ފައިސާ ހިމާޔަތްވާހެން ގާނޫނުތައް ހެދުމެވެ.
ގާނޫނީ ޒިންމާ އަދާ ކުރަން އޮޅުހިޔާ ކުދިންކޮޅު ވަނީ ނުކުޅެދީފައެވެ. ބަދަލުގައި ދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލެއް ވިއްޔާ ބިލެއް، ބަޖެޓެއް ވިއްޔާ ބަޖެޓެއް ފާސްކޮށްދީ ޒިންމާއިން ރެކި ރަބަރު ސްޓޭމްޕް ޖަހާދެމުންނެވެ. މަޖިލިހުގެ ރައީސް ވިދާޅުވަނީ މަޖިލިހުގައި ކަންކަން ބަހުސް ކޮށް ގޮތެއް ނިންމާނެ ތަޖުރިބާއެއް ވަގުތެއް ނެތްކަމަށެވެ. އެހެން ކަމަށްވާނަމަ ޝަރުތު ހަމަނުވާ ދައުލަތަަށް ބުރައަކަށްވާ ބަޔަކު ބޭތިއްބުމުގެ މާނައެއް ނެތެވެ. އުވާލަންޏާ އުވާލަންވީ ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އޮތް މުއިއްޒުގެ އޮޅުހިޔާ ކޮއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ