ބެލުންތެރިންގެ އިޙުތިރާމާއި ލޯބީ ހޯދާފައިވާ ބަތަލާ ކާމިނީ ކޯޝަލް މަރުވެއްޖެ

ގިނަ އަދަދެއްގެ ބޮލީވުޑް ފިލްމުތަކުން މަންމަގެ ރޯލް އަދި މާމައެއްގެ ރޯލް ކުޅެ ބެލުންތެރިންގެ ލޯބި ހޯދި ބަތަލާ ކާމިނީ ކޯޝަލް މަރުވެއްޖެއެވެ. އުމުރުން 98 އަހަރުގެ ބަތަލާ މަރުވީ އިއްޔެގެ ވަގުތެއްގައެވެ. ފިލްމުފެއާ މެގަޒިންގެ ބޭރުގަނޑުން ޖާގަ ލިބުނު އެންމެ ފުރަތަމަ ބަތަލާގެ ގޮތުގައި ފާހަގަކޮށްލެވޭ ކާމިނީގެ މަރާ ގުޅިގެން ބަތަލާގެ އާއިލާއިން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ބަތަލާ މަރުވީ އުމުރުން ދުވަސްވުމާ ގުޅިގެން ސިއްހީ ހާލަތު މާބޮޑަށް ގޯސްވެ އެކި ކަހަލަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ތިން ފިރިހެން ކުދިން ވެސް ލިބިފައިވާ ކާމިނީގެ އާއިލާއިން މިވަގުތު ބޭނުންވަނީ ޕްރައިވެސީ ކަމަށް ވާތީ އޭނާގެ މަރާ ގުޅިގެން ރަސްމީ ބަޔާނެއް ވެސް އާއިލާއިން ނެރެފައެއް ނުވެއެވެ. ހިންދީ ސިނަމާގައި 70 އަހަރު ވަންދެން މަސައްކަތްކުރި ބަތަލާ ވަނީ 90އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. ކާމިނީ ކުރީގެ ލެޖެންޑް އެކްޓަރު ދިލިޕް ކުމާރުއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އޭގެތެރޭގައި ފާހަގަކޮށްލެވޭ ފިލްމުތަކަށް ބަލާއިރު 1966ގެ ފިލްމު "ބިރާޖް ބަހޫ"، "ދޯ ބާއީ"، "ޝަހީދު"، "ނަދިޔާ"، "ކޭ ޕާރު"، "ޒިއްދީ" އަދި "ޝަބްނަމް"ގެ އިތުރުން "އާރްޒޫ" ހިމެނެއެވެ. ކާމިނީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްދާ"ގެ ރޯލަކުންނެވެ. ކާމިނީގެ މަރާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ތަރިން ވަނީ ބަތަލާގެ ހަނދާން އާކޮށް އެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ