ސުލްހައިގެ މަޝްވަރާތަކަށް ގަތަރަށް ދިޔަ ހަމާސްގެ ލީޑަރުންގެ ޓީމަކަށް އިޒްރޭލުން ހަމަލާދީފި ސުލްހައިގެ މަޝްވަރާތަކަށް ގަތަރަށް ދިޔަ ހަމާސްގެ ލީޑަރުންގެ ޓީމަކަށް އިޒްރޭލުން ހަމަލާދީފި

ސުލްހައިގެ މަޝްވަރާތަކެއްގައި ބައިވެރިވުމަށް ގަތަރަށް ދިޔަ ހަމާސްގެ ލީޑަރުންގެ ޓީމަކަށް އިޒްރޭލުން ހަމަލާދީފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ދިން މި ހަމަލާގެ ޒިންމާ އިޒްރޭލުގެ އަސްކަރިއްޔާއިން ރަސްމީކޮށް ނަގާފައިވާއިރު މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ކަށަވަރެއް ނުވެ އެވެ.
ގަތަރަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދަ ހުއްޓުވުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ގައުމެކެވެ. އިޒްރޭލާއި ހަމާސް އާ ދެމެދު މީގެ ކުރިން ވެސް ގަތަރުގައި ސުލްހައިގެ މަޝްވަރާތައް ބާއްވާފައިވެ އެވެ.
މިއަދު ދިން ހަމަލާ ގަތަރުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ގައުމުގެ އިތުރުން އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުން އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ދަނީ އިޒްރޭލުގެ ހަމަލާ ކުށްވެރިކުރަމުންނެވެ.
ހަމާސްގެ އޮފިޝަލުން އަލް ޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި އިޒްރޭލުން އެ ޖަމާއަތުގެ ޓީމަށް ހަމަލާދީފައިވަނީ ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ އައު ޕްރޮޕޯސަލް އާމެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންދަނިކޮށެވެ. އެ ޕްރޮޕޯސަލް ހުށަހެޅީ އިއްޔެ އެވެ.
ބައެއް މީޑިއާތަކުން އަދި ސޯޝަލް މީޑިއާގައި އާންމުން ދަނީ މިއީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން، ސުލްހައިގެ މަޝްވަރާ ކުރަން ކަމަށް ބުނެ ރާވައިގެން ދިން ހަމަލާއެއް ކަމަށް ބުނަމުންނެވެ. މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ބަހެއް ނުބުނެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިރޭ ބުނި ގޮތުގައި މި ހަމަލާ ދިނީ އިޒްރޭލުންނެވެ. ހަމަލާގެ ފުރިހަމަ ޒިންމާ އިޒްރޭލުން ނަގާ ކަމަށް ވެސް އޭނާ ބުންޏެވެ.
އިޒްރޭލުން ބުނަނީ ހަމަލާ ދިނީ އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން ދިން ހަމަލާ ރޭވި ލީޑަރުންނާއި ދެކޮޅަށް ކަމަށެވެ. މިއީ އިޒްރޭލުން މި ފަހުން ކޮންމެ ހަމަލާއަކަށް ދައްކަމުންދާ ބަހަނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ