ވެރިންގެ މާލީ ބަޔާން އޮޑިޓްކުރުން: "އޮޑިޓަރު ޖެނެރަލް ސިޔާސީ ކަންކަމަށް ހުށަހެޅެން ނޭދެން"

ސިޔާސީ ކަންކަމުގެ ތެރެއަށް އޮޑިޓަރު ޖެނެރަލް ހުށަހެޅެން ނޭދޭ ކަމަށް ބުނެ، އޮޑިޓަރު ޖެނެރަލް ލައްވާ މާލީ ބަޔާންތައް އޮޑިޓްކުރުމަށް ހުށަހެޅި އިސްލާހުތަކާ ދެކޮޅަށް މާލިއްޔަތު ކޮމިޓީގައި ބައެއް މެންބަރުން ވާހަކަ ދައްކަވައިފިއެވެ. މިއަދު މާލިއްޔަތު ކޮމިޓީގައި ވަނީ, މިނިވަން މުސްތަގިއްލު މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މާލީ ބަޔާން ހާމަކުރަން ލާޒިމުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލު ދިރާސާކޮށްފައެވެ. އެ ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، އެ އިސްލާހުގެ ދަށުން، ވަޒީރުންނާއި ސަރުކާރުގެ ދައުލަތުގެ އެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މާލީ ބަޔާންތައް އޮޑިޓަރު ޖެނެރަލް ލައްވާ އޮޑިޓްކުރަން ފަށައިފިނަމަ، އޮޑިޓް އޮފީސް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މިކަމުގައި އަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށްޓަކައި އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީގެ ލަފައެއް ހޯދަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އަޒާން ވަނީ، މާލީ ބަޔާން ހާމަކުރުން ލާޒިމުކުރުމަށް، ވަކި އިސްލާހުތައް ގެނައުމުގެ ބަދަލުގައި ގާނޫނަކުން ލާޒިމުކުރެވޭނެ ކަމަށް -- ފޮޓޯ/ މަޖިލިސް "އެއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުމެއްނުވޭ އޮޑިޓަރު ޖެނެރަލް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ހުށަހެޅޭކަށެއް، މާލީ ބަޔާންތަކާއި މާލީ ޒިންމާތައް ރެގިއުލޭޓުކުރާ ފަރާތަކީ އޮޑިޓަރު ޖެނެރަލަށް ވެއްޖެ ކަމަށް ވަންޏާ މެންޑޭޓަށް އިތުރުކުރެވޭ ވަރަށް ބޮޑު މަސައްކަތެއް އެއީ،" ނާޒިމް ވިދާޅުވިއެވެ. ބައެއް ގައުމުތަކުގައި އެ ގައުމުތަކުގެ އިސްވެރިންގެ މާލީ ބަޔާންތައް އޮޑިޓްކުރަން ސީދާ އޮޑިޓަރު ޖެނެރަލާ ހަވާލުކުރާ ކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވީ އެހެން ގައުމުތަކުގައި މިކަން ކުރާ ގޮތް ބެލުން މުހިންމު ކަމަށެވެ. https://sun.mv/212603 ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ފާހަގަކުރެއްވީ، މިނިވަން މުސްތަގިއްލު މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މަގާމުތަކާ ހަވާލުވާތާ އަހަރެއް ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ވަކި އިސްލާހުތަކެއް ކުޑޫ ހުށަހަޅުއްވާފައި ކަމެވެ. އޭގެ ބަދަލުގައި އެކަމަށް އެންމެ ގާނޫނެއް އޮތުމުން ފަސޭހަވާނެ ކަމަށް އަޒާން ވިދާޅުވިއެވެ. އޮޑިޓް ގާނޫނަށާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށް ކުޑޫ ހުށަހެޅުއްވި އިސްލާހާ ގުޅޭގޮތުން ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުން އެސެޓް ރިކަވަރީ ބިލު ޑްރާފްޓްކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. "އެހެންވީމާ އަޅުގަނޑަށްވެސް ފެންނަނީ ވަކިވަކި ގާނޫނުތަކަށް މިހެން އިސްލާހު ގެނައުމުގެ ބަދަލުގައި އެސެޓް ޑެކްލެރޭޝަން ވަކިން ބިލެއް ގޮތަށް މިކޮޅަށް އައީމަ ފަސޭހަވާނެ،" އަޒާން ވިދާޅުވިއެވެ. https://sun.mv/212388 މިހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހަށް އަހަރަކަށްވުރެ ގިނަދުވަސްވީ އިރު ވެސް އެ ބިލު އަދިވެސް ހުށަނާޅާތީ އަޒާން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނަމަވެސް އެސެޓް ޑެކްލެރޭޝަން ބިލު އައުން ލަސްވާތީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ލަފާދެއްވީ ގާނޫނުގައިވީ އެންމެ އަވަހަކަށް ކުޑޫ ހުށަހެޅުއްވި އިސްލާހުތައް، ނިޔާޒީގެ އަރިހުން ލަފާ ހޯދުމަށްފަހު ފާސްކުރުމަށެވެ. ކޮންމެ ސަރުކާރެއްގައި ވެސް އެސެޓް ރިކަވަރީ ބިލު ހުށަހެޅުން ލަސްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): އޭނާ ވަނީ ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން ވެސް މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރުމަށް ބިލުތަކެއް ހުށަހަޅުއްވައިފައި -- ފޮޓޯ/ މަޖިލިސް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، މާލީ ބަޔާންތައް ހުށަހެޅުމާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދިރާސާ ކަރުދާހެއް މީގެ ކުރިން ހުށަހެޅި ކަމަށާއި، އެ ކަރުދާހުގެ މައްޗަށް ބިނާކޮށް މާލީ ބަޔާން ހުށަހެޅުމަށް އޮނިގަނޑެއް ބައްޓަންކުރުން ރަނގަޅު ކަމަށެވެ. "އެއީ މީގެ ތެރެއިން އެމްއެމްއޭވެސް އެބަ އާދޭ، އެމްއެމްއޭގެވެސް ބައެއް ފަރާތްތައް އޭސީސީއަށް ދިން ލަފާގަ އެބަހުރި މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް، އެހެންވީމާ ކޮންމެ ފަހަރަކު މިއަށް ބަދަލެއް އަންނައިރު ގާނޫނަށް ބަދަލު ގެނައުމުގެ ބަދަލުގައި އެއް ގާނޫނަކުން މިކަން ކުރެވޭނެ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށްވެސް ފެންނަނީ،" އޭނާ ވިދާޅުވިއެވެ. https://sun.mv/212344 ހަމަ މި ބައްދަލުވުމުގައި ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް ވަނީ، އެސެޓް ރިކަވަރީ ބިލު ބަންޑާރަނައިބުގެ އޮފީހުން ހުށަނާޅައި ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. "އަޅުގަނޑުމެން ވަރަށް އަވަސްވެގެން ބޭނުންވެގެން ބުނި އެއްޗެއް އެސެޓް ރިކަވަރީ ގާނޫނަކީވެސް، އަޅުގަނޑުމެން ސިޓީއެއްވެސް ފޮނުވިން އޭޕްރިލް މަހު ފޮނުވައިދެއްވާށޭ، އަދިވެސް ފޮނުވައިނުދެއްވާ،" ޝަރީފް ވިދާޅުވިއެވެ. މިދިޔަ މަހުގެ ފަހުކޮޅު ތ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ފެށުމާއެކު އެސެޓް ރިކަވަރީ ބިލު މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ފާސްކޮށް ގާނޫނަކަށް ހައްދަވާނެ ކަމަށެވެ. އެ ގާނޫނު ވުޖޫދުވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މަގްޞަދަކީ، މިދިޔަ ދުވަސްތަކުގައި ގައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމެވެ. އަދި އެ ކަން ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ