ހުއްޓިފައިވާ މަަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރަނީ ދައުލަތަށް ގެއްލުން ނުވާނެގޮތަށް: ރައީސް

ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތީލުކޮށް، އެ މަޝްރޫއުތައް އެހެން ކުންފުނިތަކާ ހަވާލުކުރަނީ ދައުލަތަށް ގެއްލުން ނުވާނެ ގޮތަށް އުސޫލުގެ ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފީވަކަށް ވަޑައިގެން އެ މަނިކުފާނު ވަނީ، ކުރީ ސަރުކާރުގައި އުތުރުގައި ފަށައިފައި ހުރި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް މިހާރު ހުއްޓިފައިވުމުން، އެ މަސައްކަތްތައް އަލުން ފެށޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް ފަށާފައި ހުރި، ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމުގެ މަޝްރޫއުތައް އަލުން ފެށުމުގެ މަސައްކަތް މިހާތަނަށް އޮތީ ނާކާމިޔާބުވެފައި ކަމަށެވެ. އެހެންކަމުން، މިހާރު މިކަމުގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުއްވައި، އެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިހާރު [ކޮންޓްރެކްޓް] ޓާމިނޭޝަންއަށް މަސައްކަތްކުރާތާވެސް އެތައް ދުވަހެއް ވެއްޖެ. އިރާދަކުރެއްވިއްޔާ އިތުރު ލަސްތަކެއް ނުވެ، މި ރަށް ހިމެނޭހެން އުތުރުގެ 20އަކަށް ރަށުގައި އެބައޮތް މި މަޝްރޫއު ހަވާލުކުރުން،" ރައީސް ވިދާޅުވެފައިވެއެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ކޮންމެ މަޝްރޫއެއްވެސް ކުރިއަށް ގެންދަނީ އުސޫލުގެ ތެރެއިން ކަމަށާއި، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ހަވާލުކުރަނީ ވެސް ދައުލަތަށް ގެއްލުންނުވާ ގޮތަށް ކަމަށެވެ. މި އަހަރުގެ ކުރީކޮޅު އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ، 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ ރަށަކާ އެކަށޭނަ ކުނި މެނޭޖްކުރާނޭ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ