ސަރުކާރު
ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ މަޤާމުގެ މަސްއޫލިއްޔަތާއި
ޒިންމާތައް ކަނޑައެޅުމާއި، އެ މަޤާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ޢަމަލު
ކުރާނެ ގޮތުގެ އާ އުސޫލެއް އެކުލަވާލައިފިއެވެ.
މިކަމާ ގުލޭގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ބަލަދުވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް
ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ.) އިން ބުނީ، މި އުސޫލް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައިކަމަށެވެ.
މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި
ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެއްކަމަށް ޕީސީބީން ބުންޏެވެ.
ޕީ.ސީ.ބީ.އިން
ބުނީ، މި އުސޫލުގެ މައިގަނޑު މަޤްސަދަކީ ސަރުކާރު ހިއްސާވާ
ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނެ ޤާބިލު ބަޔަކަށް
ހެދުމަށާއި، މަޤާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުމަށާއި، އެ މަޤާމަށް މީހުން
ނެގުމާއި މަޤާމުން ވަކިވުމާއި ވަކިކުރާނެ އުސޫލުތައް އެއް އުސޫލަކުން
ދެފުށްފެންނަގޮތަކަށް ބަޔާންކުރުމެވެ. މީގެ އިތުރުން، ކުންފުނީގެ ސެކްރެޓަރީންގެ
މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަޤާމަށް
ދޭންޖެހޭ ހައިބަތާއި ޤަދަރު ލިބުމަށް މަގުފަހިކުރުމަށްވެސް މި އުސޫލުން ބާރު
އަޅާނޭކަމަށް ބުންޏެވެ.
މި
އުސޫލުގައި، ކުންފުނީގެ ސެކްރެޓަރީގެ މަޤާމުގެ ތަޢުލީމާއި ތަޖުރިބާގެ
ޝަރުޠުތަކާއި، މަޤާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކްރެޓަރީން އައްޔަނުކޮށް
ވަކިކުރެވޭނެ އިޖުރާއަތުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މި އުސޫލުގެ ފުރިހަމަ
ތަފްސީލުތައް ހިމެނޭ ސާރކިއުލާރ ޕީ.ސީ.ބީ.އިން މިހާރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް
ފޮނުވައިފައެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްޤައުމު ކަމަށްވާ ސިންގަޕޫރުގެ ކަމާބެހޭ އިދާރާތަކުގެ އެހީގައި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޖުލައިމަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒް (އެސްސީއީ) އާއެކު ދިވެހި ދައުލަތް ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
- ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުން
- މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ޤާއިމުކުރުން. މީގެ ތެރޭގައި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑުތަކާއި (ކޭޕީއައި) ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުން ހިމެނޭ
ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުމާއި، ހިންގުމުގެ ހަރުދަނާކަމާއި، ވިޔަފާރީގެ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުން ހަރުދަނާކުރުން
މާލީ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ސިންގަޕޫރުގެ ޕަބްލިކް ސެކްޓަރގެ ފުޅާ ޢިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށެވެ. ސިންގަޕޫރަކީ އެޤައުމުގެ ދައުލަތުގެ ކުންފުނިތައް ހިންގުމުގައި ވަރަށްގިނަ ޤައުމުތަކުން ނަމޫނާއެއްގެ ގޮތުގައި ބަލާ ޤައުމެކެވެ.
އެސްއޯއީތަކުގެ ސެކްރެޓަރީންގެ މަޤާމަށް އާ އުސޫލެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ