މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ތެދުވި ބައެއް ނޫސްތަކަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންދިޔަ ސްޕޮންސާތައް ކަނޑަން ފަށައިފި އެވެ.
މީގެ ކުރިން އެސްއޯއީތަކުން ސްޕޮންސާ ދެމުންދިޔަ ބައެއް ނޫސްތަކާއެކު އެ ކުންފުނިތަކުން ވެފައިވާ އެއްބަސްވުންތައް ބާތިލުކުރަން ނޯޓިސް ފޮނުވަމުންދާ ކަމަށާއި ބައެއް ނޫސްތަކަށް ސްޕޮންސާ ދިނުން ހުއްޓާލާފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ނޫސްތަކުގެ ސްޕޮންސާތައް ކަނޑަމުންދާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ބިލާ ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުނައިދު ވިދާޅުވީ އެސްއޯއީތަކުގެ ސްޕޮންސާއަކީ ސަރުކާރުން ނޫސްތަކަށް ނުފޫޒު ފޯރުވަން ގެންގުޅޭ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ.
"މިކަމާއި ގުޅިގެން ވެސް. މި ބިލާއި ގުޅިގެން، ބިލަށް ދެކޮޅު ހެދި ނޫސްތަކަށް އެބަހުރި އެ ފިޔަވަޅު އާޅާފަ،" ޖުނައިދު ވިދާޅުވި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް އެއާޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް (އެމްއޭސީއެލް) އިން ދަނީ ބައެއް ނޫސްތަކަށް ދެމުންދިޔަ ސްޕޮންސާތައް ކަނޑާލައި އިންޒާރު ދެމުންނެވެ.
ސްޕޮންސާތައް ކަނޑާލައިފިނަމަ ބައެއް ނޫސްތައް ހުއްޓުމަކާ ހަމައަށް ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށާއި މާލީ ގޮތުން އެތައް ބުރައެއް ކުރިމަތިވާނެ ކަމަށް މި ނޫހާއި ވާހަކަދެއްކި ބައެއް ނޫސްތަކުގެ ވެރިން ވަނީ ބުނެފަ އެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކުން ދަނީ ރައީސް މުހައްމަދު މުއިއްޒުގެ މަސްލަހަތު އޮންނަ އެމްއެމްޓީވީ އަށް ސްޕޮންސާ ދެމުންނެވެ. އެ ޓީވީ ސްޓޭޝަން ފެށީ ވެސް އެންސްޕާއަށް އޮފީސް އިމާރާތެއް ކުއްޔަށް ދޭ ކަމަށް ބުނެ 38 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދައިގެންނެވެ. ނަމަވެސް ފާޑުކިޔުންތަކާއެކު އެ އެއްބަސްވުން ބާތިލުކުރީ އެވެ.
ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް ބީރު ކަންފަތެއް ދީ އެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ އޮގަސްޓު 28، ގައި ވިދާޅުވެފަ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
އެ ބިލު ބޭރުކޮށްލަން ރާއްޖޭގެ ނޫސްވެރިންނާއި ޖަމިއްޔާތަކުން އަދި ސިޔާސީ ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ.
މީޑިއާ ނެތިކޮށްލުމާ ދެކޮޅަށް ތެދުވި ބައެއް ނޫސްތަކަށް ދެމުންދިޔަ ސްޕޮންސާ ސަރުކާރުން ކަނޑަން ފަށައިފި މީޑިއާ ނެތިކޮށްލުމާ ދެކޮޅަށް ތެދުވި ބައެއް ނޫސްތަކަށް ދެމުންދިޔަ ސްޕޮންސާ ސަރުކާރުން ކަނޑަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ