ޢަފްޢާނިސްތާނަށް އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުން އައިސްފައިވަނީ، މިއަދު ހަވީރު އަފްޢާނިސްތާނުގެ އުތުރަށެވެ. މި ބިހެލުން އައިސްފައިވަނީ 5.2 މެގްނިޓިއުޑް ބާރުމިނުގައިކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބުނެފައެވެ. އަފްޢާނިސްތާނުގެ ޓީވީޗެނަލް އާރިއާނާއިން ބުނެފައިވަނީ މިއަދު އައި ބިންހެލުމުގެ ސަބަބުން އެންމެބޮޑަށް ގެއްލުންވެފައިވަނީ ކުނާރު ޕްރޮވިންސަށްކަމަށެވެ.
މި ބިންހެލުމުގެ ސަބަބުން އެ އަވަށުގެ ގިނަ ގެތަކެއް ބިމާހަމަވެފައިވައިރު، ގިނަ ގެތަކެއް ވަނީ ރެނދުއަޅައި ދިރި ނޫޅެވޭވަރަށް ގެއްލުންލިބިފައެވެ.
އަފްޢާނިސްތާނަށް މިއަދު ބިންހެލުމެއް އައިސްފައިވާއިރު، މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެޤައުމުގެ އައި ދެވަނަ ބިންހެލުމެވެ. އަގްޢާނިސްތާނުގެ އިރުމަތީ ހިސާބުތަކަށް އިއްޔެރޭ 6.0 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާއިރު، އެ ބިންހެލުމާ ގުޅިގެން 1500 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް މިހާރު އެޤައުމުގައި ވެރިކަން ކުރަމުންދާ ތޯލިބާނުންގެ ސަރުކާރުން ވަނީ ބުނެފައެވެ.
ތޯލިބާނުން ބުނީ ބިންހެލުމުގެ ސަބަބުން އިރުމަތީ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ތޯލިބާނުން ވަނީ ބުނެފައެވެ. އެ ބިންހެލުމުގައި ތިންހާހަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެއެވެ.
އަފްޣާނިސްތާނަކީ އާއްމުކޮށް ބިންހެލުންތައް އަންނަ ޤައުމެކެވެ. ޚާއްޞަކޮށް އިންޑިއަން ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ ހިސާބުގައިވާ ހިންދޫކުޝް ފަރުބަދަ ސިލްސިލާގައި މިފަދަ ހާދިސާތައް ގިނައިން ހިނގައެވެ. މި ސަރަޙައްދުގައި މިފަދަ ބޮޑެތި ބިންހެލުންތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ.
ސަލާމަތްކުރުމުގެ މަސައްކަތުގައި އެތައް ބައިވަރު ޓީމުތަކެއް ބައިވެރިވަމުންދާއިރު، ގެއްލުން ލިބުނު ސަރަޙައްދުތަކަށް ކުއްލި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.. އަދި ބިންހެލުމާ ގުޅިގެން ގޭގެއިން ނުކުމެ ސަލާމަތްވި ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
އަފްޢާނިސްތާނަށް އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ