ފިލްމީ އާއިލާއަކަށް ނިސްބަތް ވިޔަސް މިއީ މިހާރު ކޯޕަރޭޓް ދުނިޔޭގައި ނަން މަޝްހޫރު ޝަހުސިއްޔަތެއް
މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ޕްރަބޫ ދޭވާ 2013 ވަނަ އަހަރު ގެނެސްދިން ފިލްމު "ރަމަޔާ ވަސްތާވައިޔާ"އިން ބޮލީވުޑަށް ތައާރަފްވި ގިރިޝް ކުމާރު ބެލުންތެރިންނަށް ފެނުނީ އެންމެ ދެ ފިލްމުންނެވެ. ވަރަށް ބޮޑު އުއްމީދެއްގައި ފިލްމީ ކެރިއަރު ފެށިނަމަވެސް ކުރިމަތިވި ނާކާމިޔާބީއާ އެކު ގިރިޝް ކުމާރު ދެން ފެނުނީ ކޯޕަރޭޓް ދުނިޔޭގައި ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. ފިލްމީ ދާއިރާގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް މިއަދު ގިރިޝް އަކީ 4،700 ކްރޯޑު ރުޕީސް (566 މިލިއަން ޑޮލަރު)ގެ ވިޔަފާރި ކުންފުނި ޓިޕްސް އިންޑަސްޓްރީގެ ސީއޯއޯގެ ޒިންމާ އަދާކުރަމުން އަންނަ ހުނަރުވެރި ވިޔަފާރިވެރިއެކެވެ. ފިލްމު "ރަމަޔާ ވަސްތާވައިޔާ"އިން ބަތަލާ ޝްރޫތީ ހާސަންއާ އެކު ފެނުނު ގިރިޝް ވަނީ އެ އަހަރުގެ ތިން އެވޯޑު ޝޯއަކުން ބެސްޓް ޑެބިއުގެ ނޮމިނީންގެތެރޭ ވެސް ހިމެނިފައެވެ. އެ ފިލްމުގެ މިއުޒިކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު ފިލްމުގެ ވާހަކައަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބި ފިލްމު ވަނީ ފްލޮޕްވެފައެވެ. އެކްޓިންގް އާއި ދުރުވުމަށްފަހު ކޯޕަރޭޓް ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ގިރިޝް އޭނާގެ އަންހެނުންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ އޭގެފަހުން ގިރިޝް ކުޅުނު ރޮމޭންޓިކް ކޮމެޑީ "ލަވްޝުދާ"އަށް ވެސް ބޮކްސް އޮފީހުގައި ފިނި ތަރުހީބެއް ލިބުމުން އޭނާ ނިންމީ ފިލްމީ ދާއިރާ ދޫކޮށްލުމަށެވެ. ނަމަވެސް އާއިލާގެ އެދުމުގެ މަތިން ގިރިޝް މަސައްކަތް ފެށީ އަނެއްކާވެސް ފިލްމު އިންޑަސްޓްރީއާ ގުޅުންހުރި ކުންފުންޏަކާއެކުއެވެ. އެއީ އެކަމަކު މުޅިން ތަފާތު ދާއިރާއެއްގައެވެ. ގިރިޝް އަކީ ސައުތު ސިނަމާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ކުމާރު އެސް.ތައުރާނީގެ ކުއްޖެކެވެ. ގިރިޝް މަސައްކަތް ކުރަމުން އަންނަ ޓިޕްސް އިންޑަސްޓްރީ އަކީ ގިރިޝްގެ ބައްޕަ ކުމާރު އެސް.ތައުރާނީ އަދި ބޮޑު ބޭބެ ރަމޭޝް އެސް.ތައުރާނީ ގުޅިގެން ހިންގަމުން އަންނަ ކުންފުންޏެކެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެކްޓަރުންނަށް ލިބިފައިވާ ކާމިޔާބީ އާއި މަޝްހޫރުކަން ނުލިބުނު ނަމަވެސް އޭނާ އަކީ ކޯޕަރޭޓް ދުނިޔޭގައި ނަން މަޝްހޫރު ޝަހުސިއްޔަތެކެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ތަރިންނެކޭ އެއްގޮތަށް އޭނާއަށް ލިބޭ އާމްދަނީ ބޮޑުއިރު ގިރިޝްގެ މިލްކިއްޔާތުގެ އަގު 2،164 ކްރޯޑު ރުޕީސް (261 މިލިއަން އެމެރިކާ ޑޮލަރަށް) އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ