ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އާ އެއްބަސްވުމުގައި ގޯތި ލިބުނު މީހުން ސޮއިނުކުރަން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން މިއަދު އެދިއްޖެ އެވެ.
ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ރައީސް ޝަމްއާން ރަޝީދު ވިދާޅުވީ މި ސަރުކާރުން ހެދި އާ އެއްބަސްވުން ކުރިން އޮތް ގޮތަށް ބަދަލު ނުކުރަނީސް، އެ އެއްބަސްވުމުގައި ސޮއިނުކުރަން އެދޭ ކަމަށެވެ.
"އެއްވެސް ބޭފުޅަކު މިވަގުތުގައި މިއޮތް އެގްރީމަންޓުގައި ސޮއިކުރަން ނުދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަދި ވިހާވެސް އަވަހަކަށް އޭތި ބަދަލު ކުރެވުމަށްފަހު ކުރިއެކޭ އެއްގޮތަށް އިން އެގްރީމަންޓް ލިބޭނެ ކަމަށް އުންމީދުކުރަން،" އޭނާ ވިދާލުވި އެވެ.
އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމެވެ.
ނަމަވެސް މި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުގެ ބަދަލުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން އެއް ރަޖިސްޓަރީ ކޮށްފައިވާނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުން ވަނީ ހިމަނާފަ އެވެ.
ގުޅީފަޅު އެސޯސިއޭޝަންގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ގުޅީފަޅުގެ ގޯތީގެ މައްސަލައިގައި މި ސަރުކާރުން ނިންމާފައިވާ ނިންމުންތައް ގާނޫނުތަކާއި އުސޫލުތަކާއި ހިލާފުވެފައިވާތީ، އެ ނިންމުން އެގޮތަށް ބާއްވައިފިނަމަ މަދަނީ ބަދަލާއެކު ރައްޔިތުންނަށް ގެއްލުމުގެ ބަދަލު ވެސް ހޯދޭނެ ކަމަށެވެ.
"ގޯތި މިހާރު އެ އަމަލުކުރަމުންދާ މިހާރު ދީފައި އޮތް ރަޖިސްޓްރީތަކަށް އުނިކަން އަންނަ ގޮތަށް މި ސަރުކާރުން ކޮށްފިކަމަށްވާނަމަ، އެކަމުގައި ގެއްލުން ލިބޭ ކޮންމެ ފަރާތަކަށް ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓަށް ދިއުމުގެ ހައްގު އެއްބަސްވުމާ ބެހޭ ގާނޫނުން ވެސް ލިބިފައި އެބަ އޮތް،" ނިޝާން ވިދާޅުވި އެވެ.
ގުޅީފަޅު ގޯތިތަކަށް މި ސަރުކާރުން ހެދި އާ އެއްބަސްވުމުގައި ސޮއިނުކުރަން ޔޫނިއަން އިން އެދިއްޖެ ގުޅީފަޅު ގޯތިތަކަށް މި ސަރުކާރުން ހެދި އާ އެއްބަސްވުމުގައި ސޮއިނުކުރަން ޔޫނިއަން އިން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ