ޗެނަލް13 ގެ ލައިވް ހުއްޓާލަން އެންގުމަކީ ސަރުކާރުގެ ނުފޫޒު އޮންނަ ރެގިއުލޭޓަރަކު ކަން ކުރާނެ ގޮތުގެ މިސާލެއް: އެމްޖޭއޭ ޗެނަލް13 ގެ ލައިވް ހުއްޓާލަން އެންގުމަކީ ސަރުކާރުގެ ނުފޫޒު އޮންނަ ރެގިއުލޭޓަރަކު ކަން ކުރާނެ ގޮތުގެ މިސާލެއް: އެމްޖޭއޭ

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޖަލްސާ ޗެނެލް 13 އިން ރޭ ދައްކަން ފަށަން އޮތް ވަގުތު އެ ޓީވީގެ ލައިވް ބްރޯޑްކާސްޓު ކަނޑައިލަން، ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމަކީ ސަރުކާރުގެ ނުފޫޒު އޮންނަ ބަޔަކު މީޑިއާ ރެގިއުލޭޓު ކުރާއިރު ކަންވާނެ ގޮތުގެ މިސާލެއް ކަމަށް މޯލްޑިވްސް ޖޯނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ރެގިއުލޭޓު ކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނަގައިގެން މީޑިއާތަކުގެ މައްސަލަ ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ. އަދި އެގޮތަށް މައްސަލަ ބަލާނަމަ އިންސާފުގެ ހަމައިން ބޭރުވެ ނާޖާއިޒު ނުފޫޒަށް ޖާގަލިބޭ ކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.
"ބްރޯޑްކޮމްގެ މި އަމަލުގެ ސަބަބުން ވެސް އެނގި ހާމަވެގެން މިދަނީ ސަރުކާރުގެ ނުފޫޒު އޮންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ އުސޫލުން ބޭރު މެކޭނިޒަމްއަކުން މީޑިއާ ރެގިއުލޭޓު ކުރާނަމަ އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތަށް ކުރިމަތިވެދާނެ ހުރަސްތަކާއި ނުރައްކާތަކުގެ ކުޑަވަރެއްގެ މިސާލެކެވެ،" އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.
"އެހެންކަމުން މިހާރު މަޖިލީހަށް ވައްދާފައިވާ ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރާ ބިލު ފާސްވެއްޖެ ނަމަ މީޑިއާތަކާއި ނޫސްތައް ބަންދުކުރުމާއި ނޫސްތަކުގެ ކޮންޓެންޓް ކޮންޓްރޯލް ކުރުމުގެ ނުރައްކާތެރި ސަގާފަތެއް ފެށި ދާނެ އެވެ."
އެ ޖަމިއްޔާއިން ބުނީ ޗެނެލް 13 ގެ ބްރޯޑްކާސްޓިން ހުއްޓައިލަން ބްރޯޑްކޮމްއިން އެންގުމާ ގުޅިގެން ކަންބޮޑުވާ ބޮޑެތި ކަންތައްތަކެއް ހުރި ކަމަށެވެ.
އެގޮތުން މި އަހަރުގެ ޖެނުއަރީގައި ބަލަން ފެށި މައްސަލައެއް، މި މަހު 11 ވަނަ ދުވަހު ނިންމައި ރޭގެ 8:00 އިން 9:00 އަށް ޗެނެލް 13 ގެ ލައިވް ބްރޯޑްކާސްޓިން ކަނޑައިލަން އެންގިއިރު، ޕީއެންއެފްގެ ޖަލްސާ ލައިވް ކުރާނޭކަން ޗެނެލް 13 އިން މިމަހުގެ 9، ގައި އާންމުކޮށް އިއުލާނު ކޮށްފައިވާކަން އެމްޖޭއޭއިން ފާހަގަ ކޮށްފައިވެ އެވެ.
ނަމަވެސް އެކަމާ ގުޅިގެން އެމްޖޭއޭއިން ސުވާލު ކުރުމުން، ޕީއެންއެފްގެ ޖަލްސާ ރޭ ޗެނެލް 13 އިން ލައިވް ކުރަން ނިންމާފައިވާކަން އެނގިފައި ނުވާ ކަމަށް ބްރޯޑްކޮމްއިން ބުނި ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި ޕީއެންއެފްގެ ޖަލްސާ އޮތް ރެއާއި އެ ކޮމިޝަނުގެ އެންގުމާ ދިމާވީ އިއްތިފާގަކުން ކަމަށް ބްރޯޑްކޮމްއިން ބުނެފައިވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
"ކޮމިޝަނުން އެހެން ބުނި ނަމަވެސް މައްސަލައިގެ ޓައިމްލައިނަށް ބަލާއިރު ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ވަގުތުން ދުރަށް ދެއްކުމަށް ތާވަލު ކޮށްފައި ވަނިކޮށް އެ ވަގުތާ ދިމާވާގޮތަށް އެ ޗެނެލްގެ ބްރޯޑްކާސްޓު ހުއްޓައިލަން ބްރޯޑްކޮމްއިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލު ކުރުމަށް ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ގަބޫލު ކުރެވޭ،" އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.
ބްރޯޑްކޮމްއާ ހަވާލާދީ އެމްޖޭއޭއިން ބުނީ މިއީ މިފަހުން ޗެނެލްއްގެ ބްރޯޑްކާސްޓިން ހުއްޓައިލަން އެ ކޮމިޝަނުން އެންގި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެފަދަ ހަރުކަށި ފިޔަވަޅެއް ޗެނެލްއަކަށް އަޅަން ނިންމީ ވަކި ހަރަކާތެއް ލައިވް ކުރަން ތައްޔާރުވެފައިވަނިކޮށް ކަމަށް ވާތީ އެއީ ބިރު ދެއްކުމުގެ އަމަލެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ