ރަހީނުން މިނިވަންކޮށް، ހަނގުރާމަ ނިންމަން މަޝްވަރާކުރަން ނަތަންޔާހޫގެ އަމުރެއް
ހަމާސްއިން ރަހީނުކޮށްފައިވާ އެންމެން ދޫކޮށްލުމަށާއި އިސްރާއީލުން ބަލައިގަންނަ ޝަރުތުތަކެއްގެ މަތިން ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާތައް ކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ނަމަވެސް, އެގޮތަށް އަމުރު ކުރެއްވީ ކޮން ބަޔަކަށް ކަމެއް ވިދާޅެއް ނުވެއެވެ. ނަތަންޔާހޫ އެގޮތަށް ވިދާޅުވީ, ހަމާސް ބަލިކޮށް ޣައްޒާ ސިޓީ ހިފުމުގެ އޮޕަރޭޝަނަލް ޕްލޭންތައް ފާސްކުރުމަށް ދިފާއީ އިސްވެރިންނާއި ކެބިނެޓް ވަޒީރުންނާއެކު ބޭއްވެވި މަތީ ފެންވަރުގެ ސަލާމަތީ ބައްދަލުވުމެއްގެ ކުރިން ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯއެއްގައެވެ. "އަޅުގަނޑުމެން މި ތިބީ ނިންމާ މަރުހަލާގައި. ހަމާސް ބަލިކުރުމާއި ހުރިހާ ރަހީނުން ދޫކޮށްލުން ކަށަވަރުކުރުމަކީ އަތުގުޅާލައިގެން ކުރިއަށްދާ ކަމެއް," ނަތަންޔާހޫ ވިދާޅުވިއެވެ. މިއީ ގަތަރާއި މިސްރުގެ މެދުވެރިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެފައިވާ ކަމަށް މި ހަފުތާގެ ކުރީކޮޅު ބުނި ފަހުން، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ގުޅިގެން ނަތަންޔާހޫ އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. އިސްރާއީލުގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ޣައްޒާގައި ރަހީނުކޮށްފައިވާ 50 މީހުން އަދިވެސް އެބަތިއްބެވެ. އޭގެ ތެރެއިން ދިރިތިބީ 20 މީހުން ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. ދާދި ފަހުން އާންމުކުރި ބަޔާންތަކާއި ރަސްމީ ބްރީފިންތަކުގައި ނަތަންޔާހޫ ވަނީ އިސްރާއީލުން ހޯދަމުންދަނީ ރަހީނުކޮށްފައިވާ ހުރިހާ މީހުން މިނިވަންކޮށް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާނެ ފުރިހަމަ އެއްބަސްވުމެއް ކަމަށް ފާހަގަކުރައްވާފައެވެ. ޣައްޒާ ސިޓީއަށް ބޮޑެތި ހަމަލާތައް ދިނުމުގެ ޕްލޭންތައް ކުރިއަށް ގެންދަވަމުން ގެންދަވާއިރު، އޮޕަރޭޝަންގެ މުއްދަތު ކުރު ކުރުމަށް އަސްކަރިއްޔާއަށް ބުދަ ދުވަހު ވަނީ އަންގަވާފައެވެ. ޣައްޒާ ހިފުމުގެ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިވުމަށް އިތުރު 60،000 ރިޒާވް ސިފައިން ނެރުމަށް ވެސް އިސްރާއީލުން ވަނީ ނިންމާފައެވެ. އަސްކަރިއްޔާ މިހާރު ވެސް ތިބީ ޣައްޒާ ސިޓީގެ ބޭރުގައި ކަމަށް އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ތަރުޖަމާނަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ