ޔާމީންގެ ޅެން ފަރުވާ ސަރުކާރަށް، ނަސޭހަތާއި އިންޒާރު

ސިޔާސީ ޅެމަކީ އާ ކަމެއް ނޫނެވެ. ކާމިޔާބު އިއުލާނުކުރެއްވުމާއި، ސިގްނަލްތައް ދެއްވުމާއި، މައްލަވަކުރަން ސިޔާސީ މީހުން ޅެން އަބަދު ވެސް ބޭނުންކުރެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަދަ ބޭފުޅުން ވަރަށް ގިނައިން ޅެން ބަހުން އިޝާރާތްތައް ކުރައްވައެވެ. އެކަމަކު، ސިޔާސީ އުދަރެހުގައި ހޭދަކުރި ދިގު މުއްދަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޅެންބަހުން އެއްޗެއް ވިދާޅުވި އަޑެއް ނީވެއެވެ. "އަޅުގަނޑަކީ އެއް ގޮތަކަށް ވެސް ޅެން ހަދައި، ޅެން ކިޔާ މީހެއް ނޫން. އެހެންނަމަވެސް، މި އައި ޕީއެންސީގެ ވެރިކަމާ އެކީ އެނގޭތޯ. މީގެ ކުރިން އަޅުގަނޑުމެން ބަހާރު މޫސުން ދެކެފީމު. އަޅުގަނޑުމެން ދެކެފީމު ޕީޕީއެމްގެ ވެރިކަމެއް. އަޅުގަނޑުމެން ދެކެފީމު ނަލަ ފިނިފެންމާ ކުލައާއި އަސުރުމާ ކުލައިގައި ހުރި ޖާދުވީ އަސަރު،" އެ މަނިކުފާނު ޅެން ބައިތަކަށް ވަޑައިގަންނަވަން މަގުކޮއްޓެވިއެވެ. ގެކޮޅުގެ ސިޓިންރޫމުގައި ހާލި ހައްދަވައިގެން 'ބަދިގެ ޖަލްސާ' ބާއްވާތީ ސަރުކާރުން ކުރި 'މަލާމާތަށް' ރައްދު ދޭން ރޭ ޔާމީނާއި އަރިސް ބޭފުޅުން ނުކުތީ އާޓިފިޝަލް ބީޗަށެވެ. އެ ބޮޑު ޖަލްސާގައި ޔާމީންގެ ސިޔާސީ ޅެންވެރިކަން އަމާޒުވީ މި ސަރުކާރަށެވެ. ފާޑުކިޔުންތަކާ އެކު، ފަރުވާއަކަށެވެ. ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވަނީ ޅެން ބަހުން ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް ޔާމީން ފުރަތަމަ ވިދާޅުވީ، ފިނިފެންމަލާ ގުޅޭ ގޮތުން ޅެންވެރިއެއް ހެއްދެވި ޅެމެކެވެ. އެ މަނިކުފާނުގެ ވެރިކަން މި ސަރުކާރާއި ރައްޔިތުންނަށް ކިޔައިދެއްވާށެވެ. "ފިނިފެންމަލާއި އަސުރުމަލާ، ގުލްޝަން އުޖާލާ ކޮށްފިއޭ، ހިނިތުންވެގެން ބަޅިނދާ ކޮކާ، ފޮނިބޯ ހިތުން އައިސް އުދުހެނީ،" އެއީ، ޔާމީންގެ ވެރިކަމެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމެވެ. އެ މަނިކުފާނުގެ ބަސްފުޅުން ނަމަ ފިނިފެންމަލާއި އަސުރުމަލުގެ ޖާދުލެވެ. އެ ކުލައިގައި ހުރި އަސަރެވެ. އޭރުގެ އިގުތިސާދީ އާރޯކަމާއި ކުރިއެރުން ރަމްޒުކޮށްދޭ ޅެން ބައިތެކެވެ. އެހެންވެ، ދެން ވިދާޅުވީ، ޕީއެންސީގެ މި ވެރިކަމަށް އޮތް ޅެމެވެ. "ފަނޑު ނޫކުލައިން ގެނުވައިފިއޭ، ބަލިމަޑުކަމާއި ހައިހޫނުކަން، ގަޑުބަޑުނުކޮށް ފައްކާވިއޭ، ވައުދާއި ކޮރަޕްޝަން ގައިގޯޅިކޮށް،" ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެ މަނިކުފާނު ރޭ ވަނީ ބޮޑު ޖަލްސާއެއް ބާއްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް މިއީ ޕީއެންސީގެ ވެރިކަމެވެ. ޔާމީންގެ ތާއީދާ އެކު ވެރިކަމަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ޔާމީން ސިފަކުރެއްވި ގޮތެވެ. ޝަރަހަކޮށްލަން އުނދަގޫ ޅެމެއް ނޫނެވެ. އަބަދު ވެސް ސީދަލަށް، ދިމާލަށް އެއްޗެހި ވިދާޅުވާތީ މި ޅެން ވެސް އެހާ ސީދަލެވެ. ފަނޑު ނޫކުލައޭ ވިދާޅުވެ ފެއްޓެވުމުން ސިފަވަނީ ސަރުކާރަށް ތާއީދެއް ނެތް ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ރައްޔިތުންގެ ތާއީދާއި ރުހުމާއި ލޯބި މި ސަރުކާރަށް ނުލިބުނު ވާހަކައެވެ. އެ ބޭފުޅުން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަމެވެ. އިގުތިސާދީ ދަތި ހާލަތު ބުނެދެއްވަމުންނެވެ. ރައްޔިތުންގެ 'ވަރަ ބިންދާލައި' ނިކަމެތިކޮށްލާ ވާހަކަ ކިޔައިދެއްވަމުންނެވެ. ދެން ވިދާޅުވީ، އަބަދުމެ ކުރައްވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކައެވެ. "ފަސް ޓަނުގެ" ވައުދު ފޮތަށް ފާޑުވިދާޅުވަމުންނެވެ. އެ ނޫން ކަމެއް ނެތް ވާހަކައެވެ. އެކަމަކު، އެ ވަރުން ނިންމައެއް ނުލައްވައެވެ. ވާހަކަފުޅު ނިންމަވާލެއްވީ ވެސް އިތުރު ޅެން ބައިތަކުންނެވެ. ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ޅެމުން ފަރުވާއެއް ދެއްވާފައެވެ. ރައީސް މުއިއްޒު ރަށެއްގައި: އެ މަނިކުފާނު ވަނީ އިސްލާމީ ހުދޫދުގެ ތެރެއިން ލޯކަލް ޓޫރިޒަމް ކުރިއަށްގެންދަން އެދިވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް އެ މަނިކުފާނު ވިދާޅުވީ، "ދޮގު ވައުދުތަކުން ރައްޔިތުން، ރުއްސޭނެކަމުގައި ހީކުރުން، ދޮގުވެރިއަކަށް ވާނީ ޔަގީން، އޭނާ ކަރަށް މަޅި އިސްކުރުން، ހަތިޔާރު ގިނަ އަސްކަރީ، އާރޯކަމެއް ނެތި ހޯދިޔަސް، ހަތިޔާރު ވޯޓުގެ އޮތްކަތުން، ނުސިހޭނޭ ވޯޓުން ބަސްބުނަން، ވައްކަންތަކާއި ޚިޔާނާތާއި، މަތިފަޑިމަތީ ފަތުރާލުމުން، ވައްނަންޖެހޭތަން އަދި އޮތީ، ކަމުގައި ދެކޭކަން އަންގަމުން، ހީލަތާއި މަކަރުގެ މަޅިން، ގައުމަށް ނަޖާވުން ލައްވަވާ، ދީބުގައި ދިވެހީންގެ، އާރާއި ބާރު އަބަދުމެ ލައްވަވާ، މީއެ ކުރެވޭ ހެޔޮ ދުޢާ، ޚާލިސް ހިތާއެކު ދަންނަވާ،" އެއީ، ރައީސް މުއިއްޒަށް ނަންގަވައިދެއްވި ފިލާވަޅެކެވެ. މި ސަރުކާރުން ދޭން އުޅޭ ފަދަ "ޅެން ފަރުވާ"އެކެވެ. ވަރަށް ސާދާ، އެހާމެ ސީދާ ބަސްފުޅުތަކެކެވެ. އަނެއްކާ ވެސް ތަކުރާރުކޮށް ކިޔުއްވާ ފާޑުކިޔުންތަކުން އަމުނާ ގަތައިގެން ހެއްދެވި ޅެންފައްޗަކުން ނަންގަވައިދެއްވި ފިލާވަޅެކެވެ. https://x.com/sunbrk/status/1958601288645795926 ފުރަތަމަ ވިދާޅުވީ، ނުފުއްދޭވަރުގެ ބޮޑެތި 'ދޮގު' ވައުދުތަކުން ރައްޔިތުން ނުރުއްސޭނެ ވާހަކައެވެ. 'އަންޑާ ވޯޓާ ޓަނަލް' ފަދަ ވައުދުތަކުގެ ވާހަކައެވެ. ދެން ނަންގަވައިދެއްކީ ފިލާވަޅެވެ. ތިޔަހެން ކަންކުރެއްވީމާ ވާނީ ދޮގުވެރިއަކަށޭއެވެ. އެއީ ކަރަށް އަމިއްލައަށް އިސްކުރެވޭ މަޅިއެއް ކަމެވެ. އެއަށް ފަހު ވިދާޅުވީ، އިގުތިސާދު އަނދަވަޅެއްގައި އޮއްވާ ހޯދި 'ބޭނުމެއް ނެތް' އަސްކަރީ ހަތިޔާރާއި މަނަވަރުތަކާއި ޓޭންކަރުތަކުގެ ވާހަކައެވެ. ފާޑުވިދާޅުވީއެވެ. އެކަމަކު، ވޯޓުގެ ހަތިޔާރު އޮތް އާންމު ރައްޔިތުން، އެ ހަތިޔާރު ނަންގަވައި ބަސް އިއްވާ، ވޯޓުދޭން ޖެހިލުންނުވާނެކަމުގެ އިންޒާރު ދެއްވަމުންނެވެ. ސިޔާސީ ތަބީއަތުގެ ފިލާވަޅެކެވެ. ވައްކަންތަކާއި ޚިޔާނާތުގެ ވާހަކަ އޮތީ ދެނެވެ. މަތިފަޑިމަތީ އަތުރާލި ވާހަކައެވެ. އެންމެން 'ވައްކަން ކުރާ' ކަމަށް ޔާމީން ކުރައްވާ ތުހުމަތުގެ ތަކުރާރެކެވެ. ވަންނަން ޖެހޭތަން އަދި އޮތީ ކަމަށް ވިދާޅުވެ، އެ އިޝާރާތްކުރެއްވީ އެ މައްސަލަ ބައްލަވާނެ ވާހަކައެވެ. ޖަލު ގޮޅީގެ އިޝާރާތެކެވެ. އިންޒާރެކެވެ. ޅެން ނިންމަވާލެއްވީ ދުޢާއިންނެވެ. އެ މަނިކުފާނުގެ ގޮވާއިންނެވެ. ހީލަތާއި މަކަރުގެ މަޅިއެއް ކަމަށް ސިފަކުރާ މި ސަރުކާރުން ނަޖާވުން ލައްވަވާތޯ އެދެވަޑައިގަންނަވަމުންނެވެ. ދިވެހިރާއްޖޭގައި ދިވެހީންގެ އާރާއި ބާރު ލައްވަވާތޯ ދުޢާކުރައްވަމުންނެވެ. އެއީ، އެހެން ގައުމުތަކުން އަތްގަދަކުރާ ވާހަކައެވެ. އެއީ، ޚާލިސް ހިތާއެކު ކުރައްވާ މަސައްކަތެއްކަން ދައްކަވަމުން ޅެން ނިންމަވާލެއްވީއެވެ. ޔާމީން ނަންގަވައިދެއްވީ ފިލާވަޅެކެވެ. ޅެމުން މި ސަރުކާރަށް ދެއްވީ ފަރުވާއެކެވެ. ރޭގެ ޅެންބައިތުން ދެއްވީ އިންޒާރެވެ. އެކުގައި ކުރިން ތިއްބެވި ބޭފުޅުންނަށް ސިޔާސީ މަސައްކަތުގެ ނަސޭހަތެކެވެ. "ޅެން ފަރުވާ"އެވެ. ކުރީގެ 'ބޮސް'ގެ ހައިސިއްޔަތަކުން ނޫނެވެ. އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ