ކޮންމެ މީހަކާއިމެދުވެސް ދައްކަންވާނީ ހުއްދަ ވާހަކައެވެ. އެއްގޮތަކަށްވެސް ދައްކައިގެން ނުވާނެ ވާހަކަތަކުގެ ތެރޭގައި އެމީހަކު ދުނިޔެއަށް ފޮނުއްވެވި ސިފަ ހިމެނެއެވެ. އެކަމުގައި އެމީހާގެ އެއްވެސް ބާރެއް އިޚްތިޔާރެއް ނުއޮންނާނެއެވެ.
މިޘާލަކަށް ރުޅިގަދަވެގެން ކަންކަން ކުރަނީ އަމިއްލައަށެވެ. އެސިފަ ދޫކޮށްލަން ބުނެވިދާނެއެވެ. އެހެންނަމަވެސް ކުރު މީހަކަށް އޭނާއަކީ ކުރު މީހެއްކަމަށް ބުނުމުގެ ޙައްޤު ލިބިގެނެއް ނުވެއެވެ. އެއީ އިސްކޮޅުން ކުރުވުމުގައި އޭނާގެ އެއްވެސް ބާރެއް ނެތީމައެވެ. އަދި ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވިޑިގެންވާ ސިފައިގައިކަމަށްވާތީއެވެ.
މީސްތަކުންނޭވެ! އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާ އަހުރެމެން އުފައްދަވާފައިވާ ގޮތަށް ރުހި އަމިއްލަ ނަފްސް ދެކެ ލޯބިވާންޖެހޭނެ މީހެކެވެ. އެހެނީ އަހުރެމެންނަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ ހަށިގަނޑުގެ ސިފަތަކުގެ ތެރެއިން ކިތަންމެ ކުޑަނަމަވެސް ބަދަލެއް ގެނެވޭނީ ވަރަށް މަދު ކަމަކަށެވެ.
މިޘާލަކަށް ބުޅި އިސްތަށި ފަންކުރެވިދާނެއެވެ. ފަންއިސްތަށި ބުޅި ކުރެވިދާނެއެވެ. ހަށިގަނޑުގެ ކުލަ ކޮންމެވެސް މިންވަރަކަށް ދޮން ކުރެވިދާނެއެވެ. އެހެނަސް އިސްކޮޅުން ދިގުވުން ކުރުވުން ފަދަ ކަންކަމަކީ ބަދަލުގެނެވޭނެ ކަންކަމެއް ނޫނެވެ. ބަދަލުިގެންނަން އުޅެފިނަމަ ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. ވީމާ އޮތް އެންމެ ރަނގަޅު ގޮތަކީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ސިފައަށް ރުހިޤަބޫލުވުމެވެ.
ހަމައެއާއިއެކު ސަމާލުކަންދޭންޖެހޭނެ ކަމަކީ އަނެކާ ހައްދަވާފައިވާ ސިފައަށް ފާޑުނުކިޔުމެވެ. ނަފްރަތުވެސް ނުކުރުމެވެ. އެކަމަކު އަހުރެމެންނަށް އެކަން އެބަ ކުރެވެއެވެ.
މިޘާލެއް ބުނެފާނަމެވެ. ތިބާ ރުހެނީ އިސްކޮޅުން ދިގު، ގައިގެ ކުލަ ދޮން، ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ މީހަކު ބައިވެރިއަކަށް ލިބުމަށް ކަމަށް ވެދާނެއެވެ. އެހެނަސް އެއިގެ އިދިކޮޅު ސިފަތައް ހުންނަ މީހުންނަށްވެސް އިޙްތިރާމްކޮށް ޤަދަރުކުރާށެވެ. ރުޅި އައިސް ނަފްރަތު ނުކުރާށެވެ. އެފަދަ ކަމެއް ހިތަށް އެރިނަމަވެސް ތައުބާވެ އެމީހަކަށް ހެޔޮދުޢާކުރަންވާނެއެވެ.
މިކަމުގެ ހުރިނުބައިކަން އެނިގެންދަނީ ޙަދީޘްފުޅަކުންނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލަކަށް އެހެން އަނބިކަލެއްގެ ސިފަފުޅަށް ފާޑުވިދާޅުވެވުނު ހިނދު ކުރެއްވެވި ޙަދީޘްފުޅުނެނެވެ. އެއީ މުޅި ކަނޑުގެ ލޮނުގަނޑުވެސް އެނުބައިކަމުން ތަޣައްޔަރުވެގެން ހިނގައިދާނެ ފަދަ ނުބައި ޢަމަލެއްކަން ބަޔާންކޮށް ދެއްވަވާފައިވާތީއެވެ.
މީސްތަކުންނޭވެ! ކޮންމެ އިންށާނަކުވެސް ﷲ ތަޢާލާ އުފައްދަވަނީ އެމީހަކު ދުނިޔޭގައި ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ.
"އެއީ އީމާންވި މީހުންނަށް އެހީތެރިވެ، ނަޞްރު ދެއްވާ ފަރާތެއްކަމުގައި ﷲ ވޮޑިގެންވާކަމުންނެވެ. އަދި، ކާފިރުވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ."
(މުޙައްމަދު: 11)
މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާއަށް އީމާންވެގެން ތިބި އެންމެންނަކީ ﷲ ތަޢާލާގެ ބެލެނިވެރިކަމުގައި ތިބި ބައަކު ކަމާއި އީމާންވި މީހުންނަށް އެހީތެރިވެ، ނަޞްރު ދެއްވާ ފަރާތެއްކަމުގައި ﷲ ވޮޑިގެންވާކަމެވެ. އެފަދަ މީހަކަށް ނުބައިކޮށް ހީކުރަންވެސް ހެޔޮނުވާނެ ނޫން ހެއްޔެވެ؟
ވީމާ މިއީ ސަމާސައަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. ވަނަމަކަށްވެސް ކުރޭ، ދިގޭ، ފެޓޭ ފަދަ ނަންތައް އެއްވެސް މީހަކަށް ނިޞްބަތްކޮށް ނުކިޔާށެވެ! އެކުރެވެނީ ބޮޑު ފާފައެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މީހުން އުފައްދަވާފައި ތިބޭ ސިފަ ކިޔުމަކީ ކުރެވޭ ބޮޑު ފާފައެއް! އެސިފައިގަ އޭނާ ދުނިޔެއަށް ފޮނުއްވަވަނީ ﷲ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ