މި ފަހުން ފެނުނު ހަބަރެއްގައި އޮތީ، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށެއްގައި ތިބޭ ފަނޑިޔާރުންނަށް ނުކުމެވޭ ގޮތަށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި ކަމަށެވެ. މިކަމާ ގުޅިގެން މިއީ ފަނޑިޔާރުންގެ މިނިވަންކަމާއި އިންސާފުވެރިކަމަށް އަސަރުކުރާނެ ކަމެއްތޯ މީހުން ސުވާލު އުފައްދަމުންދެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ، މިކަމާ ގުޅޭ ގޮތުންނެވެ.
ވަކި ފަރާތަކަށް ނުޖެހޭ މިނިވަން، މުސްތަގިއްލު ފަނޑިޔާރުގެއެއް ހުރުމަކީ ދުސްތޫރީ ޑިމޮކްރަސީތަކުގެ އަސާސެކެވެ. ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ އުސޫލުތަކަށް ބެލިޔަސް މިކަން ސާފުކޮށް ފެނެ އެވެ.
ރާއްޖޭގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި މި އަސާސް ކަނޑައަޅަމުން ބުނެފައި ވަނީ، ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއް ކަމަށެވެ. އަދި ފަނޑިޔާރުންގެ މަސައްކަތުގައި ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ތިބެ ކަމަށް ވެސް ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010/13)ގެ 15 ވަނަ މާއްދާގެ (ޅ) ގެ (1) ގައިވާ ގޮތުން، ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި އެބުނާ، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ތިބެ މަސައްކަތްކުރާ ބަޔަކަށް ފަނޑިޔާރުން ހެދުމުގެ ބޭނުމުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ކަމެއްގައި ހަރަކާތްތެރިވާ މީހަކަށް ފަނޑިޔާރަކު ވެގެން ނުވާނެ އެވެ. އަދި 32 ވަނަ މާއްދާގެ (ހ) ގެ (10) ގައި ވެސް ބުނެފައިވަނީ، ސިޔާސީ ކަމެއްގައި އުޅެގެން ނުވާނެ ކަމަށެވެ.
ގާނޫނުގައި 'ސިޔާސީ ކަމެއްގައި' މި އިބާރާތް ބޭނުންކޮށްފައި ވިޔަސް، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބޭނުންކޮށްފައިވާ އިބާރާތަކީ 'ސިޔާސީ ހަރަކާތް' މި އެވެ. ސިޔާސީ ހަރަކާތަކީ ކޮބައިކަމެއް، ފަނޑިޔާރުންގެ ގާނޫނުގައި ވެސް، ސުލޫކީ މިންގަނޑުގައި ވެސް ބަޔާންކޮށްފައެއް ނެތެވެ. ނަމަވެސް ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި، ގައުމުތަކުން ގަބޫލުކުރާ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހަމަތަކަށް ބެލުމުން އެނގެނީ، ސިޔާސީ ހަރަކާތަކަށް ވާނީ ހަމައެކަނި ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތައް އެކަނި ނޫންކަމެވެ. އޭގެ އިތުރުން، ސިޔާސީ މީހަކު ހިންގާ ހަރަކާތެއް ވެސް ވާނީ، ސިޔާސީ ހަރަކާތަކަށެވެ.
ދައުލަތުގެ އެހެން ދެ ދާއިރާއެއްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރުމުގެ ގޮތުން، އެ ފަރާތްތަކާ ގުޅޭ އުސޫލުތަކުގައި ވެސް މިހެން ބުނެ އެވެ. މިސާލަކަށް، ސިވިލް ސާވިސްގެ ގާނޫނާއި، އޮޑިޓަ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކީ ގޮތުން އަމަލުކުރަން ޖެހޭ އުސޫލުގައި ސިޔާސީ ހަރަކާތް މާނަކުރަނީ، 'ސިޔާސީ މީހަކު ނުވަތަ އެނޫން ވެސް މީހަކު ހިންގާ ސިޔާސީ ކަމެއްގައި އެއްވެސް ގޮތަކަށް' ބައިވެރިވުން ހިމެނޭ ގޮތަށެވެ. އަދި ސިވިލް ސާވިސްގެ ގާނޫނުގައި ސިޔާސީ ހަރަކާތް މާނަކުރަނީ، 'އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ހަރަކާތެއް ހިންގުމާއި އެފަދަ ހަރަކާތެއްގައި ބައިވެރިވުން' ހިމެނޭ ގޮތަށެވެ. މިއީ ސީދާ ފަނޑިޔާރުންނާ ގުޅޭ ދެ އުސޫލަށް ނުވިޔަސް، މިއީ ރާއްޖޭގައި، ސިޔާސީ ހަރަކާތް މާނަކުރާކުރުމުގައި ވިސްނުން ބަހައްޓާ ގޮތްކަމަށް ބުނެވިދާނެ އެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް އެނބުރި ރުޖޫއަވަމާ ހެއްޔެވެ. އެ މިންގަނޑުގެ ހަތް ވަނަ އުސޫލު (ސިޔާސީ ހަރަކާތްތަކުން އެއްކިބާވުން) ބުނާ ގޮތުން، ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަކީ، މިނިވަންކަމާއި، މުސްތަގިއްލުކަމާ އެކު ވަކި ފަރާތަކަށް ބުރަނުވެ ފަނޑިޔާރުންގެ ވާޖިބު އަދާކުރުމަށް ކޮންމެހެން ލާޒިމު ކަމެކެވެ. އެ އުސޫލަށް އަމަލުކުރާނެ ގޮތް ކިޔައިދެމުން ދެ ކަމެއް ބުނެދީފައިވެ އެވެ. އެއީ:
ފަނޑިޔާރުންގެ ވާޖިބު އަދާކުރުމުގަ އާއި އާންމު ދިރިއުޅުމުގައި ވެސް އެމީހުންގެ އަމަލުތައް ބަހައްޓާންވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، އަދި އެފަދަ އެއްވެސް ނުފޫޒަކަށް ލެނބޭނެ ބައެއް ނޫންކަން އާންމު ރައްޔިތުންނަށް ދޭހަވާ ފަދަ ގޮތަކަށް ކަން
އޭގެ ތެރޭގައި، އާންމު ރައްޔިތުންގެ ނަޒަރުގައި އެކަމަކީ ސިޔާސީ ކަމެއް ކަމަށް ބެލެވިދާނެ އެންމެހާ ކަންކަމަކުން ދުރުހެލިވުމަށް ފަނޑިޔާރުން ސަމާލުކަން ދޭންވާނެކަން.
ފަނޑިޔާރުންނަކީ މިނިވަން ބަޔަކަށް ހެދުމަށް ލާޒިމުކުރަމުން، ކުރިން ބުނި ކަންކަމުގެ އިތުރުން، ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ)ގެ (5) ގައި ބުނަނީ، ފަނޑިޔާރު ކުރާ ކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ އެނޫން ވެސް އެހެން ގޮތަކުން، ފަނޑިޔާރުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. މިތަނުގައި އެބުނާ، 'ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ' މި އިބާރާތަށް ބަލައިލާނަމެވެ. ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލުގެ ތެރޭގައި އާންމުކޮށް ބަލައިގަންނަ ދެ ގޮތެެއް ހިމެނެ އެވެ. އެއީ:
ހަމަ އަސްލަށް ވެސް ނުވަތަ ހަގީގަތުގައި ވެސް ވަކި ފަރާތަކަށް ނުޖެހުމާއި؛ އަދި
ވަކި ފަރާތަކަށް އަސްލު ނުޖެހުނަސް، ސަބަބުވެރި މީހަކު ވިސްނާ ވިސްނުމުން ވަކި ފަރާތަކަށް ޖެހުނީކަމަށް ނުބެލެވުމެވެ. ބޭރު ފުށުން، ނުވަތަ މަލަމަތިން ފެންނަ ފެނުމުގައި ވެސް ވަކި ފަރާތަކަށް ނުޖެހުމެވެ.
ބޭނުމަކީ ފަނޑިޔާރަކު ވަކި އަތަކަށް ޖެހުނީކަމަށް ކިރިޔާ ވެސް ހީވެދާނެ ކަމެއް ކުރުމަކީ، ޝަރުއީ ނިންމުންތަކުގެ އިތުބާރު ގެއްލޭނެ ކަމަކަށް ވާތީ، އެފަދަ ކަންކަމުން ފަނޑިޔާރުން ދުރުކުރުވުމެވެ.
ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރާ ބަޔަކަށް ހަދަން ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ އުސޫލުގައި ވެސް ބުނަނީ، ކޯޓުން ބޭރުގައި ވެސް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ، އެންމެންގެ މެދުގައި، އަދުލުއިންސާފު ގާއިމުކުރާ ދާއިރާގެ އިތުބާރު ދެމެހެއްޓޭ ފަދަ ގޮތަކަށް ކަމަށެވެ.
މީގެ އިތުރުން މިނިވަންވުމުގެ އުސޫލު ނެގެހެއްޓުމަށް ކަންކުރާނެ ގޮތް ކިޔައިދެމުން ބުނެފައިވަނީ، ފަނޑިޔާރުން ވާންވާނީ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން ފުރިހަމައަށް އެއްކިބާވެގެންވާ ބައެއް ކަމަށެވެ. އަދި އާންމު ރައްޔިތަކަށް ވީތީ އެމީހަކަށް ކުރެވޭނެ ކަމަށް މުޖުތަމައު ގަބޫލުކުރާ، ނަމަވެސް ފަނޑިޔާރަކަށް ވީތީ އެކަމެއް ކޮށްގެން ނުވާނެ ކަމަށް މުޖުތަމައު ގަބޫލުކުރާ ކޮންމެ އަމަލަކުން ފަނޑިޔާރުން ދުރުހެލިވާން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ރަށްރަށުގައި ޒީނަތްތެރިކުރުމާއި، މީހުން ހާޒިރުވުމުގައި ހެދުން އެޅުމުގެ ސަގާފަތަށް ބަލާއިރު، ރަށްރަށުން ފެންނަނީ، ރައީސްކަމުގައި ހުންނަ މީހާއަށް ސިޔާސީ ތާއީދު ހޯދާ ފޮޓޯ އާއި ސްލޯގަން ޖެހި ބޯޑު ގެންގުޅޭ މަންޒަރެވެ. ޕާޓީގެ ލަވަތައް ޖަހާ އަޑު އިވެ އެވެ. ރައީސް ނިސްބަތްވާ ޕާޓީގެ ކުލައިގެ ހެދުން އަޅައިގެން ދާ މަންޒަރެވެ. ޕާޓީ ކުލައިން ބުރުގާ އާއި ތާކިހާ އަޅާ މަންޒަރަކީ ވެސް ނާދިރު މަންޒަރެއް ނޫނެވެ. އެފަދަ ބައެއްގެ ތެރޭގައި، އެރަށެއްގައި ހުންނަ ފަނޑިޔާރު ހުރުމަކީ ވެސް ރައީސަށް ތާއީދުކުރަނީކަމަށް މީހުން ދެކޭނެ ކަމެއްކަމަށް ގަބޫލުކުރެވެ އެވެ. އެ ފަނޑިޔާރަކު، ހުދު ކުލައިގެ މަލްމަލް ފޮތީގެ ހެދުމެއްގައި ހުއްޓަސް މެއެވެ.
ރަށްރަށަށް ސިޔާސީ ލީޑަރުން ދިއުމުން، ފެންނަ މަންޒަރުތަކަށް ރިއާޔަތްކޮށް ބުނެވޭނީ، އެފަދަ ތަންތަނަށް ދަނީ، އެ އަންނަ ލީޑަރަކަށް ނުވަތަ އޭނާގެ ޕާޓީއަށް ތާއީދުކުރާ މީހުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ޒިޔާރަތް ކުރާއިރު މަރުހަބާ ކިޔަން، ރައީސްއަށް ތާއީދު ނުކުރާ މީހުން ވަރަށް ނުދާނެ އެވެ. ދިޔަސް ދާނީ، ވަޒީފާގެ ގޮތުން ކޮންމެހެން ދާން ޖެހިގެންނެވެ. ނުވަތަ އިދިކޮޅު އަޑު އިއްވުމުގެ ގޮތުންނެވެ. މީހުން ދެކެނީ އެއީ ސިޔާސީ ހަރަކާތެއް ކަމަށް ވާތީ އެވެ. އެހެންކަމުން ދައުލަތުގެ އެހެން މުވައްޒަފުން ރައީސްއަށް މަރުހަބާ ދަންނަވަން ދިއުމާއި ފަނޑިޔާރުން ދިއުމާ އެއީ ވަރަށް ތަފާތު ދެ ކަމެކެވެ.
ފަނޑިޔާރުންގެ މިނިވަންކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، ސުލޫކާ ގުޅޭ ގޮތުން އެކުލަވާލައި އަމަލުކުރާ ބައިނަލްއަގްވާމީ ހަމަތައް ކަމަށްވާ 'ބެންގަލޯ ޕްރިންސިޕަލްސް އޮފް ޖުޑީޝަލް ކޮންޑަކްޓް' ގައި ވެސް ރާއްޖޭގެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ހަމަތައް ގާތްގަނޑަކަށް ހަމަ އެއްކަހަލަ ގޮތަކަށް ހިމެނެ އެވެ. ދުނިޔޭގެ މިނިވަން ދިމިގުރާތީ އެކި ގައުމުތަކުގައި ވެސް، މި އުސޫލުތައް ބަލައިގަނެ އެއަށް އަމަލުކުރެ އެވެ.
ފަނޑިޔާރުން ރައީސްއަށް މަރުހަބާ ކިޔާން ދިއުމުން ދިމާވެދާނެ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ.
ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ޒިޔާރަތްކުރުމުން، އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް، އިދިކޮޅު އަޑުއުފުލައި ހަދަ އެވެ. ބައެއް އެފަދަ ހާލަތްތަކުގައި، ހަމަނުޖެހުން ހިނގައި، މީހުން ހައްޔަރު ވެސް ކުރެ އެވެ. މިގޮތުން ހައްޔަރުކުރާ މީހުން ވެސް، ބަންދާ މެދު ގޮތެއް ކަނޑައަޅަން ގެންދަނީ އެރަށެއްގައި ހުންނަ ކޯޓަކަށެވެ.
ރައީސްގެ ދަތުރުފުޅާ ދެކޮޅަށް ކުރި ކަމެއްގެ ތެރެއިން ހައްޔަރުކުރާ މީހެއްގެ ބަންދާ މެދު ގޮތް ނިންމަނީ، ރައީސްއަށް މަރުހަބާ ދަންނަވަން ދިޔަ ފަނޑިޔާރަކު ކަމަށްވާ ނަމަ، ހައްޔަރުކުރި މީހާ ދެކޭނެ ގޮތް ވިސްނާލާށެވެ. ފަނޑިޔާރު ނިންމީ ކިތަންމެ އިންސާފުން ކަމަށް ވިޔަސް، ފަނޑިޔާރަކު ވަކި ފަރާތަކަށް ޖެހުނީކަމަށް އެފަދަ މީހަކު ދުށުމަކީ ވުން ވަރަށް ގާތް ކަމެކެވެ. އެފަދަ މައްސަލައެއްގައި ފަނޑިޔާރުގެ މަސްލަހަތުގެ ފުށުއެރުމެއް އޮތް ކަމަށް ވެސް ބެލިދާނެ އެވެ.
އާންމު އުސޫލަކުން ސަރުކާރު ވުޒާރާއަކާއި ފަނޑިޔާރުގެއާ ކުރަން ޖެހޭ މުއާމަލާތްތައް ކުރާނީ، ނުވަތަ ގާނޫނެއްގައި ސަރީހަކޮށް ބުނާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ފަނޑިޔާރުގެ ތަމްސީލުކުރާނީ ފަނޑިޔާރުގޭގެ އިދާރީ މުވައްޒަފުންނެވެ. ފަނޑިޔާރުންނެއް ނޫނެވެ. ރައީސްއަށް މަރުހަބާ ދަންނަވަން ދިއުމަކީ، ފަނޑިޔާރުގޭގެ ތަމްސީލުވުމެއް އެކަމުގައި ކޮންމެހެން އޮންނަން ޖެހޭ ކަމެއް ވެސް ނޫނެވެ. ނަމަވެސް އެފަދަ ކަމެއް ކުރުމަށް އާންމުކޮށް ހުއްދަދިނުމަކީ، އޭގެ ސަބަބުން، ބޭކާރު ޝަކުވާތައް ގިނަވެ، ފަނޑިޔާރުގޭގެ ހައިބަތާއި އަބުރަށް ނޭދެވޭ އަސަރުކުރާނެ ކަމުގެ ހިރާސް އޮތް ކަމެކެވެ.
މަތީގައި ބަޔާންކުރި ކަންކަން އެހެން ހުރީތީ، އަދި ފަނޑިޔާރުންގެ ގާނޫނާއި ސުލޫކީ މިންގަނޑުގައި އުސޫލުތައް ފާހަގަކޮށް ކިޔައިދީފައިވާ ގޮތަށް ރިއާޔަތްކޮށް ބުނެވޭނީ، ރައީސްއަށް މަރުހަބާ ދަންނަވަން ފަނޑިޔާރުން ދިއުމަކީ، ފަނޑިޔާރުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ ކަމެކޭ ބުނާނެ ޖާގަ އެބަ އޮތް ކަމަށެވެ.
އެކަން ކުރުމުގައި ފަނޑިޔާރެއްގެ ނިޔަތަކީ ކިތަންމެ ހެޔޮ ނިޔަތެއް ކަމަށް ވިޔަސް މެއެވެ.
ބެންޗުން ބަނދަރަށް: ފަނޑިޔާރުން ރައީސްއަށް މަރުހަބާ ދެންނެވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ