ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓާލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި

މި އަތޮޅު ފަޅުރަށެއް ކަމަށްވާ ތޮޅެންދޫ ކުއްޔަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީއިން ކުރަމުން އަންނަ މަސައްކަތް ހުއްޓުވުމަށް ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
އަތޮޅު ކައުންސިލްގެ ލަފަޔާ ހިލާފަށް ތޮޅެންދޫ ކުއްޔަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީއިން މަސައްކަތް ކުރާ ކަމަށާއި އެކަން އެ ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެ މިނިސްޓްރީއާ ދެކޮޅަށް ނޫނު ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ މައްސަލައިގައި ނޫނު ކައުންސިލުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި ވާތީ އެ ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ތޮޅެންދޫގެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ރަށް ކުއްޔަށް ދޫކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް މަޑު ޖައްސާލުމަށާއި އެ ރަށް އެވޯޑްކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އަދި އެހެން ފަރާތެއްގެ މަސްލަހަތެއް ތޮޅެންދޫގެ މައްޗަށް އުފެދިދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީ އަށާއި ދައުލަތުގެ އެންމެހާ އިދާރާތަކަށް އަންގާ އަމުރު ކުރާ ކަމަށެވެ.
ނޫނު ކައުންސިލުން އެދުނު ގޮތަށް އެ ވަގުތީ އަމުރު ނެރުނު ސަބަބުތަކުގެ ގޮތުގައި ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ:
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަސް ފަޅުރަށެއް ދިގު މުއްދަތަކަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ކުއްޔަށް ދޫކުރަން ހުޅުވާލި އިރު އެ ރަށްތަކުގެ ތެރޭގައި މި އަތޮޅު ތޮޅެންދޫ ހިމެނެ އެވެ. އެގޮތުން އެ ރަށް ވެސް ކުއްޔަށް ދެނީ 21 އަހަރުގެ މުއްދަތަކަށެވެ. އެގޮތަށް އާންމުންނަށް ނޭރޭ ގޮތަށް އެންމެ ފަރާތަކަށް ތޮޅެންދޫ ކުއްޔަށް ދޫކުރުމަކީ އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ނޫނު އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށް އެކަން ވަނީ ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރާ ހިއްސާކޮށްފަ އެވެ.
އެ ރަށް ކުއްޔަށް ދޫކުރުން ހުއްޓުވަން ނޫނު ކައުންސިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ފިޝަރީޒް މިނިސްޓްރީއިން އެ ރަށް ކުއްޔަށް ދޫކުރަން އިއުލާންކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުގައި ލާމަރުކަޒުކޮށް ދައުލަތް ހިންގުމަށް އެކަށަ އަޅާފައިވާ ދިމިކުރާތީ އުސޫލުތަކާ ހިލާފަށް އަދި ކައުންސިލުން ފާސްކޮށްފައިވާ "ނ. އަތޮޅުގެ ފަޅުރަށްތަކާއި ފަޅާ، ފަރު ބޭނުންކުރާނެ ގޮތުގެ ޕްލޭނާ" ހިލާފަށް ކަމަށެވެ. އެހެން ކަމުން އަތޮޅު ކައުންސިލުން އެދިފައި ވަނީ މިހާރު އިއުލާންކޮށްފައިވާ އުސޫލުގެ ދަށުން އެ ރަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީއިން ކުރި އިއުލާން ބާތިލްކޮށް ދިނުމަށާއި އެ އުސޫލުގެ ދަށުން އެ ރަށް ކުއްޔަށް ނުދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ ދައުވާއާ ގުޅިގެން ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ތޮޅެންދޫ ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ކައުންސިލްގެ މަޝްވަރާ ހޯދާފައިވާ ކަމަށެވެ. އަދި ކައުންސިލާ އެކު ކުރާ މަޝްވަރާއިން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ރަށް ކުއްޔަށް ދޭން އިއުލާން ކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ ކަމަށެވެ. އަދި މަޝްވަރާ ކުރަން ބުނާ މާއްދާއަކީ ހަމައެކަނި އިޖުރާއީ މާއްދާއެއް ކަމަށް ވެސް ދައުލަތުން ކޯޓުގައި ވަނީ ބުނެފަ އެވެ.
ނޫނު ކައުންސިލުން ބުނާ ގޮތުގައި ތޮޅެންދޫ ވަކި ބަޔަކަށް ކުއްޔަށް ދިނުމަކީ އަތޮޅުގައި ހުރި މަދު ފަޅު ރަށްތަކުގެ ތެރެއިން ރަށެއް ބޭނުން ކުރުމުގެ ފުރުސަތު އަތޮޅުގެ އާންމުންނަށް ގެއްލޭނޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޒަމާނުއްސުރެ އެ ރަށުން އާމްދަނީ ހޯދުމަށް ބަރޯސާވަމުން އަންނަ އަތޮޅުގެ ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނޭ ކަމަށެވެ. އަދި ތޮޅެންދޫ އަކީ ގުދުރަތީ ގޮތުން ތަފާތު، ބޮޑު ބައެއްގައި ޗަސްބިން ހިމެނޭ ރަށަކަށް ވާތީ އެ ރަށުގައި ދަނޑުވެރިކަން ކުރުމަކީ އެ ރަށުގެ ވެށި ހަލާކުވެ ތިމާވެއްޓަށް ގެއްލުން ވެދާނެ ކަމެއް ކަމަށް ވެސް ކައުންސިލުން ފާހަގަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ