ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރެއް ހައްޔަރު ކޮށްފި

ޖަލަށް މަނާ ތަކެތި ވައްދާ މައްސަލައިގައި ކަރެކްޝަންގެ އޮފިސަރެއް މަސްތުވާތަކެއްޗާ އެކު އަތުލައިގެންފިއެވެ.
ކޮމިޝަނާ އޮފް ޕްރިސަންސް އަހްމަދު މުހައްމަދު ވިދާޅުވީ، ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ. އެ އޮޕަރޭޝަންގައި ވަނީ ކަރެކްޝަންސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިކަމާ ގުޅިގެން އެ އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އޮފިސަރު މަސައްކަތް ކުރަމުން ދިޔައީ ކޮން ޖަލެއްގައި ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. އަދި އޭނާގެ އަތުން އަތުލައިގަތީ ކޮން ބާވަތެއްގެ އަދި ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަން ވެސް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
ޖަލަށް ވައްދަން މަނާ ތަކެތި ވައްދާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންނަމުން އަންނަ އިރު ޖަލުތަކުގައި ފޯނާއި، ސިމް ކާޑާއި، މަސްތުވާތަކެތި ގެންގުޅޭ ފަދަ މައްސަލަތައް ވަނީ ފެނިފައެވެ. އެގޮތުން 2020 ވަނަ އަހަރު ތެރޭގައި ދޫނިދޫ ޖަލަށް ފޯނުތަކަކާއި ސިމްތަކެއް ވައްދަން އުޅުނު ފުލުހަކު ހައްޔަރުކޮށްފައި އެ މައްސަލަ ބަލައި އޭނާ ވަނީ ޖަލަށް ވެސް ލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ