އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ
މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ހަމައެކަނި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.މާލެ ސިޓީ ކައުންސިލުން ބުނީ މިއަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ ސަރަހައްދުގެ މަގުތައް ވެހިކަލް ދުއްވަން ބަންދުވާނެ ކަމަށެވެ. އެހެންކަމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކެއްގައި އެވަގުތުގައި އިންޖީނުލީ އަދި ބެޓެރީ ވެހިކަލް ދުއްވުން މަނާ ވާނެ އެވެ.އަދި އެ ވަގުތުގައި އިމަޖެންސީ ހަލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ހާއްސަ ސްޓިކާއެއް ދޫކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. ކައުންސިލުން ބުނީ އެ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައިން އެފަދަ ހިދުމަތްތައް ދޭ ވެހިކަލްތަކަށް މިއަދާއި މާދަމާ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ސްޓިކާ ދޫކުރަމުންދާނެ ކަމަށެވެ.ކައުންސިލުން އިތުރަށް ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި އީދު ދުވަހު ހަވީރު ވެހިކަލް ދުއްވާ މީހުންނާމެދު ގާނޫނީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.ފަހަކަށް އައިސް ކޮންމެ އީދު ދުވަހެއްގެ ހަވީރު ވެހިކަލް ދުއްވުން މަނާ ކުރެ އެވެ. އެވަގުތު މަގުތަކުގައި މީހުން އުޅެނީ ހިނގާފަ އެވެ. އީދު ދުވަސް ކަމުން ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މަގުމަތީގައި އުޅެ އެވެ.ކަލަންޑަރުގައި ބުނާ ގޮތުގައި މި އަހަރުގެ ފިތުރު އީދަށް ވާނީ އަންނަ ބުދަ ދުވަހެވެ. ރޯދަ މަސް ނިމެން ދެތިން ދުވަހަށް ވެފައިވާއިރު، މާލެ ސަރަހައްދު އީދަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ