10 އަހަރަށްފަހު ފަރު ގޮއްވަން ފަށާތީ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
ނެރު ކެނޑުމަށް ޓަކައި ގޮވާތަކެތި ބޭނުންކޮށްގެން ފަރު ގޮއްވުން ހުއްޓާލާފައިވާތާ 10 އަހަރު ފަހުން އަނެއްކާ ވެސް އެކަން ފަށާތީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ. މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަރުގެ ދިރުން އާލާކޮށް، ރައްކާތެރިކުރަން ބޭނުން ނަމަ އެފަދަ އަމަލުތައް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. "ފަރުގެ ދިރުންތަކާއި މުރަކަތަކަށް ގެއްލުންވާނެތީ މީގެ 10 އަހަރު ކުރިން ފަރު ގޮއްވުން ހުއްޓާލާފައިވާނެ،" މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. މައުމޫން އެ ގޮތަށް ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ މީދޫގެ ފުއްޓަރާ ދިމާލުން ނެރެއް ކެނޑުމަށް ޓަކައި، ގޮވާތަކެތި ބޭނުންކޮށްގެން ފަރު ގޮއްވުމުގެ ހުއްދަ އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން ދީފައިވަނިކޮށެވެ. އައްޑޫ މީދޫ ފުށްޓަރުން ނެރު ކެނޑުމަށް ޑްރޮޕް ހެމާ ބޭނުންކުރަނީ: ފަރު ގޮއްވުމުގެ ހުއްދައަށް އެދުނީ އިތުރު ގޮތަކުން ނެރު ކެނޑެން ނެތުމުން ކަމަށް އީއައިއޭއާ އެކު ހުށަހެޅި ރިޕޯޓުގައި ބުނޭ -- މީދޫގެ ނެރު ކެނޑުމަށްޓަކައި ހައުންސިން މިނިސްޓްރީން އީޕީއޭއަށް ހުށަހެޅި އީއައިއޭ ރިޕޯޓުގައި ބުނެފައި ވަނީ ފަރު ގޮއްވުމުގެ ސަބަބުން އޭގެ އަޑާއި ގުޑުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ ބޮޑުބައެއް މަރުވުމާއި، ފަރުގައި ރެނދުލުމާއި، އެއްގަމުގައި ހުރި ދުވަސްވީ ބައެއް ގޭގެއަށް އަސަރުކުރުމާއި ފެންގަނޑު ވަގުތީ ގޮތުން ތަޣައްޔަރުވުވާނެ އެވެ. ރިޕޯޓުގައި ބުނާ ގޮތުން، ފަރު ގޮއްވުމުގެ އަޑު އިވޭނީ ސައިޓުގެ ވަށައިގެން ފަސް ކިލޯ މީޓަރުގެ ސަރަހައްދަށެވެ. "ފަރު ގޮއްވުމަކީ އޭގެ ޒާތުގައި ކުރަން ރަނގަޅު ކަމެއް ނޫނެވެ. އެއީ ފަރުގެ ދިރުމަށް ލިބޭ ގެއްލުމާއި ފަރުގެ ޖިއޮލޮޖީއަށް ލިބިދާނެ ގެއްލުން ޔަގީން ނުކުރެވޭތީއެވެ. ފަރުގެ ދިރުން އަލުން އިއާދަވާނެއެވެ. ނަމަވެސް ފަރުގެ ޖިއޮލޮޖީއަށް ލިބޭ ގެއްލުން އަނބުރާ އިއާދައެއް ނުކުރެވޭނެ އެވެ،" އީއައިއޭ ރިޕޯޓުގައި ބުނެފައިވެ އެވެ. ދެހާސް ނުވަ ވަނަ އަހަރު ފެށި، މީދޫގައި ނެރެއް ކެނޑުމުގެ މަޝްރޫޢުގެ އެކި މަރުހަލާތަކުގެ 90 ޕަސަންޓު މަސައްކަތް ނިމިފައި އޮތް ނަމަވެސް، ފުއްޓަރު ފަރާތުގެ ބޭރުގެ އާނުގަނޑު ހަރު ކަމުން، އެތަން ވަނީ ފޫދުއްވާލެވޭ ގޮތް ނުވެފަ އެވެ. އާނުގަނޑު ފޫދުއްވާލުމަށް ޓަކައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ޑްރޮޕް ހެމާ" އަދި "އެއާ ގަން" ބޭނުންކޮށްގެން ވެސް، އެ މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ