ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރުވާނަން: ރައީސުލްޖުމްހޫރިއްޔާ

ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި ދިވެހި ހުރިހާ ރައްޔިތުން ގެދޮރުވެރިކުރުވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައި، އެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ރޭ ވިލުފުށި ދާއިރާގެ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ވެސް ފުއްދަވާނެ ކަމަށާއި، މިހާރު ވެސް އަންނަނީ ވައުދުތައް ފުއްދަވަމުން ކަމަށެވެ.
”އަޅުގަނޑު ދެންނެވިން ކެމްޕެއިން ތެރޭގައި ވެސް ތަކުރާރުކޮށް، ދިވެހި ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެކޭ ގެދޮރުވެރިކަމަކީ، ގައުމީ ސަލާމަތާއި ގުޅިފައިވާ ކަންކަމަށް ހައްލު ގެނައުން ނަގާފައި، ދެން އަޅުގަނޑަށް އެންމެ މުހިންމު މައްސަލަ އަކީ ގެދޮރުވެރިކަން ހައްލު ކުރުމޭ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ، ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދިވެހި ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރުވުމަށް ކަމަށާއި، އެ ވައުދު ފުއްދަވައިދެއްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާކަން ފާހަގަކުރައްވައި، ކުހރީ ސަރުކާރުން ރިޔާސީ އިންތިހާބު ކައިރިވުމުން ދިން ގޯތިތައް ވެސް، އެ ގޯޯއްޗެއް ހުރި ތަނަކުން ދޭނެކަމުގެ ޔަގީންކަން، ރައީސް ތަކުރާރުކޮށް ރޭ ވެސް ދެއްވިއެވެ.
”‏ހުޅުމާލޭގެ ފަޅު ތެރެއިން ހިއްކާ ބިން، ހިއްކުމުގެ މަސައްކަތް ފަށާފައި އެ އޮތީ، އެ މަސައްކަތް ކުރިއަށް ގެންދާނަން. އެ ތަން ނިންމާ، އެ ތަނުން ލިބެންޖެހޭ ގޯތި ހަވާލު ކުރެވޭނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށްދާ ކަމަށާއި، އެ ތަނުން ވެސް އިތުރު 80 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކައިގެން ވެސް ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ވިދާޅުވިއެވެ.
 
 
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ