ނ.ފޮއްދޫ ފެނަކަ އައު އޮފީހާއި އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި

މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫގައި ތަރައްޤީކޮށްފައިވާ ފެނަކަ އައު އޮފީސް އިމާރާތާއި އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.
ފޮއްދޫ ފެނަކަ އޮފީހާއި އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިހާރު އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފޮއްދުއަށް ވަޑައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި އައު އިންޖީނުގެ ތަރައްޤީކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ. އަދި އައު އިންޖީނުގެއާ އައު އޮފީސް އިމާރާތް ތަރައްޤީކޮށްފައި ވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސްކޮށް އިތުރު ވަޞީލަތްތަކާވެސް އެކުގައެވެ. ފޮއްދޫ އިންޖީނުގޭގެ ކެޕޭސިޓީއަކީ 530 ކިލޯވޮޓެވެ. ފެނަކަ އައު އޮފީސް އިމާރާތުގައި ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، ޕޭންޓްރީ، މީޓިންގ ރޫމް، ގެސްޓްރޫމް އަދި ސްޓޯރ ހިމެނެއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ