ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީގެ މައްސަލާގައި އެ ވާހަކަ ފެތުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓަށް މާދަމާ ހާޒިރުވުމަށް މިއަދު އަންގައިފި އެވެ.
ވީކިިހިނެއް؟ - 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ މި މައްސަލާގައި 'ގެގް އޯޑަރެއް' ވެސް ނެރެނީ ޕީޖީން އެދިގެނެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
މި ގޮތަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ރޭގަނޑުގެ ދަން ވަގުތުތަކާއި ފަތިހު ރައީސް މުއިއްޒު ގުޅުއްވާފައިވާކަން ފެންނަ ކޯލް ލޮގުތަކުގެ އެބަހުރިކަމަށް ބުނެ ޝަހުޒާން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރި އެވެ. އަދި އޭނާ ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ އެ ބައްދަލުވުމުން އޭނާ ނެރެލި އެވެ.
ތަފްސީލް - ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސް އަދި 'އަދަދު'ގެ ނޫސްވެރިޔާ ޝަހުޒާނަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައިވަނީ:
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލާއި، ދެއްކި ވާހަކަތަކަކީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއް ބެލެވޭ ކަމަށް
އޭނާ ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު 1 ޖަހާއިރަށް
ޝަހުޒާންގެ އިތުރުން އެ އަމުރާ ހިލާފަށް އަމުރު ނެރުނު ކަމުގެ ހަބަރު ލިޔެގެން، 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ވެސް މާދަމާ ކޯޓަށް ހާޒިރުވާން އަންގާފައިވެ އެވެ. ލީވާން ހާޒިރުކުރަނީ މާދަމާ ހެނދުނ ު11 ޖަހާއިރަށެވެ.
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ދުވެލި އަވަސްވެ، 'އަދަދު' ނޫސް ހިންގަމުންދާ އޮފީސް ފުލުހުން ރެއިޑްކޮށް އެ ތަނުގައި ހުރި މުދާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން 'އަދަދު'ގެ ނޫސްވެރިޔަކު ރައީސް މުއިއްޒުއާ ސުވާލުކުރި ދުވަހުގެ ރޭގަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މައްސަލަ ފުލުހުން ތަހުގީގުކުރީ ވެސް ޕީޖީ އޮފީހުން އިސްވެ އަންގައިގެނެވެ.
ރައީސް މުއިއްޒުއާ ސުވާލުކުރި ޝަހުޒާން ވެސް މާދަމާ ކޯޓަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ