މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ވިއްކަން އުޅޭ ވާހަކަ ދޮގުކޮށްފި
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ބަނގުރާ ވިއްކަން ރާވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. މޯލްޑިވިއަން އިން މިކަން ހާމަކޮށްފައިވަނީ މިއަދު އެ ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައެވެ. މި ބަޔާނުގައި އެ ކުންފުނިން ވަނީ މިފަދަ އެއްވެސް ޚިދުމަތެއް ތަޢާރަފުކުރުމުގެ ވިސްނުމެއް އަދި ރޭވުމެއްވެސް ނެތްކަން ޔަގީންކޮށްދީފައެވެ. ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ބައެއް ފަރާތްތަކުން ދިޔައީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން އޯލް އިންކްލޫސިވް ޚިދުމަތް ތަޢާރަފުކުރަން އުޅޭކަމަށް ބުނެ ޕޯސްޓުތައް ކުރަމުންނެވެ. އަދި މި ޚިދުމަތުގެ ތެރޭގައި ފްލައިޓުމަތިން ބަނގުރާ ލިބޭނެ އިންތިޒާމު ހަމަޖައްސަން އެއާލައިނުން މަސައްކަތްކުރަމުންދާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. https://x.com/MaldivianAero/status/2051206528431218829 ނަމަވެސް މިއީ އެއްވެސް އަސާސެއް ނެތް، ކުންފުނީގެ އަގުވައްޓާލުމުގެ ނިޔަތުގައި ބަޔަކު ގަސްތުގައި ފަތުރަމުންދާ ދޮގު މަޢުލޫމާތުތަކެއް ކަމަށް މޯލްޑިވިއަން އިން ވަނީ ފާހަގަކޮށްފައެވެ. ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އޮންނަ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށާއި ދިވެހިން ދަތުރު ކުރާ އުޅަނދުފަހަރުގައި ބަނގުރާ ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ. މިފަދަ ދޮގު ޚަބަރުތަކުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ގައުމީ އެއާލައިނާމެދު އޮންނަ އިތުބާރު ކުޑަވުމުގެ ފުރުޞަތު އޮތުމާއެކު، މޯލްޑިވިއަން އިން ވަނީ އާންމު ރައްޔިތުންނަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެގޮތުން، ސައްޙަކަން ކަށަވަރުނުކުރެވޭ މިފަދަ މަޢުލޫމާތުތައް ސޯޝަލް މީޑިއާގައި އަދި އެހެނިހެން ގޮތްގޮތުންވެސް ހިއްސާނުކުރުމަށް ހުރިހާ ފަރާތްތަކަކަށް އެ ކުންފުނިން ވަނީ އެދިފައެވެ. ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ އެންމެހާ ރަސްމީ މައުލޫމާތުތައް މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އާންމުކުރަމުން ގެންދާނެކަމުގެ ޔަގީންކަންވެސް އެއާލައިނުން ވަނީ ދީފައެވެ. މޯލްޑިވިއަން އަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ބައިނަލްއަޤުވާމީ މަންޒިލްތަކަށް ފުޅާ ދާއިރާއެއްގައި ދަތުރުތައް ބާއްވަމުން އަންނަ، ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެހެންކަމުން، ކުންފުނީގެ ސިޔާސަތުތަކަށް ބަދަލު ގެންނަނަމަ އެކަން ރަސްމީކޮށް އިޢުލާނުކުރާނެކަން ފާހަގަކޮށް، މިވަގުތު އެފަދަ އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައިނުވާކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ